މިއަހަރުގެ 3 ވަނަ ކުއާޓާގައިވެސް ދިވެހިންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ. ބީއެމްއެލް އަށް ވަނީ ޓެކްސް އަށް ނުކަނޑައި 307 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައެވެ.

މިކަން ހާމަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މިއަދު ނެރުއްވި ރިޕޯޓެއްގައެވެ. މިދިޔަ ކުއާޓާގައި ލިބުނު ފައިދާ އަކީ އޭގެ ކުރީގެ ކުއާޓާއަށްވުރެ 5 އިންސައްތަ މަތީ އަދަދެކެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް ބީއެމްއެލް އަށް ފައިދާއެއް ގޮތުގައި ވަނީ 1.2 ބިލިއަން ދިވެހި ރުފިޔާ ލިބިފައެވެ. ބީއެމްއެލް އިން ހާމަކުރާ ގޮތުން މި އަދަދުތަކަކީ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯގެ ގޮތުގައި އެ ކުންފުނިން ހާސިލްކުރަން ކަނޑައަޅާފައިވާ އަދަދުތަކަށްވުރެ މަތީ އަދަދުތަކެކެވެ.

ފަންޑުކުރުމުގެ ޚަރަދުތަކާ، އިންވެސްޓްމެންޓު ޚަރަދުތައް އިތުރުވެގެން ގޮސްފައިވާ އިރު، ބީއެމްއެލް އަށް ސާފު ފައިދާ އިތުރުވެފައިވަނީ އިޤްތިސާދުގައި ހިމެނޭ މުހިއްމު ހުރިހާ ދާއިރާއަކުން ކަހަލަ ގޮތަކަށް ވިޔަފާރި ރަނގަޅުވެގެން ދިޔުމުން ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ.

ބީއެމްއެލް އިން މިދިޔަ ކުއާޓާގެ ތެރޭގައި 5 ރަށެއްގައި ވަނީ ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތަކެއް ޤާއިމުކޮށްފައެވެ. އެއީ ހއ. ކެލާ، ހއ. ބާރަށް، ރ. އަލިފުށި، ބ. ތުޅާދޫ އަދި ލ. މާވަށުގައި އެކުންފުނިން ޤާއިމުކުރި ސެންޓަރުތަކެވެ. މީގެ އިތުރުން ބީއެމްއެލް އިސްލާމިކްގެ ޙިދުމަތަށް މުޅިން އާ ހެޑްއޮފީހެއް ވެސް ވަނީ މިދިޔަ ކުއާޓަރުގެ ތެރޭގައި ޤާއިމްކުރެވިފައެވެ. މިދިޔަ ކުއާޓަރު ތެރޭގައި ބޭންކުގެ ފަރާތުން 'ސީއެސްއާރް' ޕްރޮގްރާމްތަކުގެ ގޮތުގައި ވަނީ މުޖްތަމަޢަށް ފައިދާކުރާނެ 40 ޙަރަކާތަކަށް ސްޕޮންސާ ދީފައެވެ.

"އަހަރެމެންނަށް މިއަހަރު ފެށިގެން ހިފެހެއްޓެމުން މިދާ ފައިދާގެ މިންވަރު މި ނިމުނު ކުއާޓަރާއެކުވެސް އިތުރުވެގެން ދިޔުމުން ވަރަށް އުފާކުރަން. އިންވެސްޓްމެންޓް ޚަރަދުތައް ބޮޑުވެގެން ދިޔަޔަސް، އަހަރެމެންގެ ޙިދުމަތްތަކަށް އެކި ދާއިރާތަކުން އޮންނަ ޑިމާންޑު ވަނީ އިތުރުވެފަ. އަހަރެމެން އުއްމީދުކުރަން މި އަހަރުވެސް ވަރަށް ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލެވޭނެ ކަމަށް. މިކަމަށްޓަކައި ބުރަ މަސައްކަތްތައް ކުރަމުން އަންނަ އަހަރެމެންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން." ބީއެމްއެލްގެ އާ ސީއީއޯ އަދި އެމްޑީ، ޓިމް ސޯޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހަންމާ

    ފައިދާ ނުވިއްޔާ އެއީ ވަރަށް ބޮޑު މައްސަލަޔެއް. ޑުނިޔޭގަވެސް ނޯނާނެ މިނޫން ގައުމެއް ބޭންކް ތަކުން ރައްޔިތުންގެ މައިބަދައިން ދިޔަ ފެލާލާ އިރުވެސް ސަރުކާރުން އާޅާނުލާ ދޫކޮށްލާ ގައުމެއް. ޏިކަމެތި ރައްޔިތު މީހާ ގެހަދަން ލޯނެއް ނެގިޔަށް %130 ރިޓާންގަ ދައްކަންޖެހޭ. މީހަޤީގަތް. ޏަމުގަ ލޯއްމައްޗަށް އިންނާނެ ޕަސަންޓެ ޖަހާފަ. އެކަމު ފެލާލާނެ %130 ޕަސަންޓް ވަރު.