ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތަކުން ވިޔަފާރިކޮށްގެން އެއް ފަރާތަކަށް ރާއްޖޭގެ މަޝްހޫރު ރިޒޯޓެއްކަމަށްވާ ޖުމޭރާ ވިއްތަވެލި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދޭގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ޝޮޕް އެންޑް ވިން އެންޑް ޔުއާ ނެކްސްޓް ވޭ ޓު މޯލްޑިވްސް ނަމުގައި މިދިޔަ ޑިސެންބަރު މަހުގެ 21 އިން މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް، އިތުރު މީހަކާއެކު އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އޭނާ ހުރި އެ ގައުމުން ޓާކިޝް އެއާލައިންގައި ރާއްޖެ އައުމުގެ ފުރުސަތުވެސް މުޅިން ހިލޭ ވަނީ ދީފައެވެ.

ކޮންމެ 100 ޑޮލަރުން މަތީގެ ވިޔަފާރިއެއްކޮށްގެން ޕްރޮމޯޝަންގެ ތެރޭގައި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ޖުމޭރާ ރިސޯޓުގައި ހަތަރު ރެޔާއި ފަސް ދުވަސް ވަންދެން ހުރުމުގެ ފުރުސަތު ލިބެއެވެ. އަދި ޕެކޭޖުގެ ދަށުން ދޭން ނިންމާފައިވަނީ ފުލް ބޯޑް މީލް ޕްލޭނެކެވެ.

މި ޕްރޮމޯޝަންގެ ޕާޓްނަރުންނަކީ ޖުމޭރާ ރިސޯޓާއި ޓާކިޝް އެއާލައިންއެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، އެމްއޭސީއެލްގެ ފަރާތުން ޑިއުޓީ ފްރީތައް ތަރައްގީ ކުރުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޕްރޮޑަކްޓް ރޭންޖްތައް އިތުރު ކުރުމާއި، އެތާގެ ސާވިސް އައުޓްލެޓްތައް އިތުރު ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރުވެރިކަމާއެކު ބުނެލެވޭމެ އަޅުގަނޑުމެންގެ ސަރައުންޑިންގ ޑިއުޓީ ފްރީ ސާވިސެސް އެހެން ޑިއުޓީ ފްރީ ސާވިސްތަކާއި ބަލާއިރު އަޅުގަނޑުމެން ވަރަށް ރަނގަޅޭ". ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މި އަހަރު ތެރޭގައިވެސް އެމްއޭސީއެލް އިން އިތުުރު ޕްރޮމޯޝަންތަކެއް ކުރިއަށްގެންދިޔުމަށް ރާވާފާއިވާކަމަށެވެ.