ވޯލްޑް ބޭންކުން ދިވެހިރާއްޖޭގައި އެ ޖަމާޢަތުގެ އޮފީހެއް ޤާއިމުކުރަން ނިންމައިފި އެވެ. މިކަން ހަމަޖެހިފައިވަނީ ރާއްޖޭގެ މާލީ ވަޒީރު، އިބްރާހިމް އަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޯލްޑް ބޭންކްގެ އަހަރީ ދުވަހުގެ ހަފްލާގެ ތެރެއިންނެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި މިމަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ ވޯލްޑް ބޭންކުގެ އަހަރީ ދުވަހުގެ ހަފުލާގެ ތެރޭގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ވޯލްޑް ބޭންކް އޮފީހެއް ރާއްޖޭގައި ހުޅުވުމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރައްވާފަ އެވެ. މި އެއްބަސްވުމުގައި ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ބޭންކްގެ ރައީސް، ހާޓްވިގް ޝެފާ އެވެ.

މިނިސްޓަރު އަމީރުގެ ދަތުރުފުޅުގައި ވަނީ 'ކޯލިޝަން އޮފް ފައިނޭންސް މިނިސްޓާސް ފޯ ކްލައިމެޓް ޗޭންޖް' ގައިވެސް ބައިވެރިވުމަށް ހުށަހަޅުއްވާފަ އެވެ.

ދުނިޔޭގެ އެންމެ ފުޅާ އެއް މާލީ އިދާރާ، ވޯލްޑް ބޭންކުން މިއަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ދެ މަޝްރޫއެއް ހިންގަން އެހީތެރިވެދޭނެއެވެ. އެއީ ދައުލަތުގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ދޭން ނިންމި 30 މިލިއަން ޑޮލަރާއި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މިހާރަށްވުރެން އިތުރު ކުރުމުގެ ގޮތުން ދޭން ނިންމި 20 މިލިއަން ޑޮލަރެވެ.

ވޯލްޑް ބޭންކަކީ ވަކިން ޚާއްސަގޮތެއްގައި ފަޤީރު އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތަރައްޤީއަށް އެހީވެދެމުން ގެެންދާ މާލީ އިދާރާއެކެވެ. އެ ޖަމާޢަތުން ދިވެހިރާއްޖެއަށްވެސް އަންނަނީ ޒަމާނުއްސުރެން ދީލަތި އެހީތަކެއް ވެދެމުންނެވެ. ވޯލްޑް ބޭންކުގެ ގޮތްޕެއް ރާއްޖޭގައި ޤާއިމްކުރެވިގެން ދިޔުމަކީ ރާއްޖޭގެ ތަރައްޤީއަށް ހެޔޮ ފާލެއް ކަމަށް މާހިރުން ދެކެއެވެ.