ސަފާރީ އުޅަނދު ފަހަރަށް ރައްކާތެރި ބަނދަރެއް ރާޢްޖޭގައި ނެތް ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ސަފާރީ އަޅާނެ ފަޅެއް ކަނޑައަޅައި ޕްލޭން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅޫވީ މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ މެރިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ސަފާރީ އަޅާނެ ރައްކާތެރި ބަނދަރެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި މިހާތަނަށް އެކަން ނުކުރެވި އޮތީ މާލެ އާއި ހުޅުލެ ކައިރީގައި އެ ބަނދަރު ގާއިމްކުރުމަށް ޓުއަރިޒަމް އިންޑަސްޓްރީން ނިންމާފައިވާތީ ކަމަށެވެ. ހަމައެހެންމެ މާލެ އަތޮޅުގައި މިވަރުގެ ރައްކާތެރިކަން އޮތް ފަޅެއް މިވަގުތު ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގައި ބަންދުވެފައިތިބި ފަތުރުވެރިން ގޮވައިގެން މުޅި ރާއްޖެ ދައްކަން ދާ ބަޔަކީ ސަފާރީތައް ކަމަށާއި އެހެން ކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސަފާރީ އިންޑަސްޓްރީތަކަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ.

ރާއްޖޭގައި ސަފާރީ އިންޑަސްޓްރީތަކުގައި ބޭނުންކުރާ އުޅަނދުތައް ޒަމާނާއެއްގޮތަށް ބައްޓަން ކުރަމުންދާއިރު ސަފާރީތައް އަޅާނެ ފަޅެއް ނެތުމަކީ މި އިންޑަސްޓްރީގައި އުޅޭ ގިނ ބަޔަކު ކުރަމުންދާ ޝަކުވާއެކެވެ. ރާއްޖޭގައި މިހާރު 140 އެއްހާ ސަފާރީ ބޭނުން ކުރަމުންދާ ކަމަށާއި އަދި މަސްވެރިކަމާއި ޑައިވިން ކުރުމަށް 300 އެއްހާ އުޅަނދު ބޭނުންކުރަމުންދާއިރު މިއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމެއް ކަމަށްވެސް ފައްޔާޒް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޓެކްސް ގޮތުގައިވެސް ދައުލަތަށް ބޮޑު އާމްދަނީ އެއް ލިބޭ ކަމެއް ކަމަށްވެސް ފައްޔާޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެން ކަމުން ޒަމާނީ ވަސީލަތްތަކާއެކި ރަނގަޅު ފެންވަރަށް ހަދާފައިވާ އަދި ސަފާރީތަކަށްވެސް ރައްކާތެރިކަން ލިބޭނެ ފަދަ ބަނދަރެއް ގާއިމްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ސަފާރީތަކަށް ހާއްސަ ބަނދަރެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހުޅުމާލޭ ފަޅު އެއީ ތިކަމަށް ޕްލޭންކޮށް ތައްޔާރުކޮށްފައިވާ ފަޅެއް! ދެން އޮތީ ގުޅީ ފަޅު! އެތަން އެބައުޅެ ހިއްކަން! އެތަނަކީ އެހައި ފުން ތަނެއް ނޫން! ކަލޭ ކޮންމެވެސް ހައި ސްކޫލަކަށް ވަދެގެންވިއަސް ތި ގަމާރުކަން ކަނޑުވާބަލަ!