"އޭޑީކޭ އެޓް ހޯމް"ގެ ނަމުގައި 65 އަހަރުން މަތީގެ ބަލި މީހުންނަށް، ގޭގައި ފަރުވާ ދޭ ފުރިހަމަ ޚިދުމަތެއް ރާއްޖޭގެ މަޝްހޫރު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން ތައާރަފް ކޮށްފިއެވެ.

އޭޑީކޭ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ ބޭފުޅުންނަށް ހާއްޞަކޮށްފައިވާ "އޭޑީކޭ އެޓް ހޯމް" ގެ ޚިދުމަތް މިއަދުން ފެށީގެން އޭޑީކޭ އިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އޭޑީކޭ އެޓް ހޯމް" އޭ ބުނާ ބަހުގެ މާނައަކީ، ހޮސްޕިޓަލަކުން ލިބޭ ޚިދުމަތްތަކެއް ގޭގައި ލިބެން ފެށުން." ޚިދުމަތް ތައާރަފް ކޮށްދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އައްފާލް ވިދާޅުވިއެވެ.

އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

"އޭޑީކޭ އެޓް ހޯމް" ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އައްފާލް ވިދާޅުވީ، އުމުރުން ދުވަސްވީ ބޭފުޅުންނަށް ވަރަށް ގިނަ ފަހަރު ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ވަޑައިގެން ޚިދުމަތްތައް ހޯއްދަވަން އުޅުއްވުމަކީ ވަރަށް ދަތިކަމެއް ކަމަށާއި، މިފަދަ ޚިދުމަތެއް ތައާރަފް ކުރުމުން އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

"މިހާރުވެސް ބައެއް ފަރާތްތަކުން ގޭގެ އަށްގޮސް އިންޖިކްޝަން ޖަހާލާ ބޭސް ބަދަލުކޮށްދީ ހެދި ނަމަވެސް މިއީ ވަރަށް ތަފާތު ޚިދުމަތެއް. އޭޑީކޭ އެޓް ހޯމް ގެ ޕެކޭޖަކަށް އެންރޯލް ކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެ ޕެކޭޖްގައި ހުންނަވާހާ ދުވަހަކު އެ ޕޭޝަންޓަކީ ހޮސްޕިޓަލަށް އެޑްމިޓް ކުރެވިފައިވާ މީހެއްގޮތަށް." މި ޚިދުމަތް ހާއްޞަވެގެންދާ ގޮތް ކިޔައިދެއްވަމުން އައްފާލް ވިދާޅުވިއެވެ.

މި ޚިދުމަތުގެ ހާއްޞަ ކަންކަން ކިޔައިދެއްވަމުން ޑރ.ފައިސަލް ސައީދު ވިދާޅުވީ، "ޕޭޝަންޓް ހޮސްޕިޓަލަށް އަންނާކަށް ނުޖެހޭނެ، އެހެންނަމަވެސް ހޮސްޕިޓަލަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ. މިސާލަކަށް ސްޕެޝިލަސްޓަކަށް ރެފަރެލްއެއް ހަދަން ޖެހުން، އިންވެސްޓިގޭޝަނެއް ހަދަން ޖެހުން، ބްލަޑް ނަގަން ޖެހުން، ކުޑަކަމުދާ އެއްޗެހި ނަގަން ޖެހުން، އީސީޖީއެއް ހަދަން ޖެހުން ފަދަ ކޮންމެ ހާލަތެއްގައި އޭޑީކޭގެ ލެބޯޓަރީ ޓީމު ބަލިމީހާގެ ގެއަށްދާނެ." ކަމަށެވެ.

އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

"އޭޑީކޭ އެޓް ހޯމް" ގެ ޚިދުމަތުގައި ހިމެނެނީ "ގްރީން"، "ޔެލޯ" އަދި "ރެޑް" ގެ ނަމުން ނަން ދީފައިވާ ތިން ޕެކޭޖެކެވެ. އޭގެ ތެރެއިން ގްރީން އަކީ އެންމެ ކުޑަ މިންވަރަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ހާއްޞަ، އަދި ޔެލޯ އަކީ މެދު މިންވަރަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް އަދި ރެޑް ޕެކޭޖަކީ އެންމެ ބޮޑަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ހާއްޞަކުރެވިފައިވާ ޕެކޭޖެވެ.

މީގެ ތެރެއިން "އޭޑީކޭ އެޓް ހޯމް - ގްރީން" ގެ ޕެކޭޖުގެ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 4500ރ ނަގާއިރު މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 900ރ އެވެ. "އޭޑީކޭ އެޓް ހޯމް - ޔެލޯ" ޕެކޭޖުގެ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 4000ރ ނަގާއިރު މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1200ރ އެވެ. އަދި "އޭޑީކޭ އެޓް ހޯމް – ރެޑް" ޕެކޭޖުގެ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 3500ރ ނަގާއިރު މަހު ފީގެ ގޮތުގައި ނަގަނީ 1500ރ އެވެ.

އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި ޚިދުމަތަށް އެދޭ ފަރާތްތަށް ކެޓަގަރީތަކަށް ބަހާލުމަށް ހަމަޖެހިފައިވަނީ ޚިދުމަތަށް އެދުމުން ޚީދުމަތަށް އެދޭ ފަރާތުގެ ފުރިހަމަ މެޑިކަލް ޗެކަޕެއް ހެދުމަށްފަހު، އޭޑީކޭގެ ފެމިލީ މެޑިސިންގ ސްޕެޝަލިސްޓް ޑރ.ސުމަންގެ އިރުޝާދުގެ ދަށުންނެވެ. ޚިދުމަތުގެ ސަބްސްކްރިޕްޝަންގެ ފީގެ ތެރޭގައި މި މެޑިކަލް ޗެކަޕްގެ އަގުވެސް ވަނީ ހިމެނިފައިވާތީ މެޑިކަލް ޗެކަޕަށް އިތުރު ފީއެއް ދައްކަން ޖެހިވަޑައި ނުގަންނަވާނެއެވެ.

އޮސްޓްރޭލިއާ އަދި ސިންގަޕޯރ ގައި ފެމިލީ މެޑިސިންގެ ޚިދުމަތް ދޭގޮތް ދިރާސާ ކުރުމަށްފަހު ދިވެހިރާއްޖޭގެ މާހައުލުގައި މި ޚިދުމަތް ދެވޭނެ ގޮތްތަކަށް ބަަލައި ދިރާސާ ކުރުމަށްފަހު އޭޑީކޭ އިން މިއަދު ތައާރަފްކުރި މި ޚިދުމަތް އިންޝުއަރެންސް ކުންފުނިތަށް މެދުވެރިކޮށް އިންޝުއަރެންސް ޕެކޭޖްތަކުގެ ތެރެއިން "އޭޑީކޭ އެޓް ހޯމް" ގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އަދި އާސަންދަ މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް އެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ގެންދާކަމަށްވެސް އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އައްފާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުމާ

    މަވާ ސަލާން. މަމެން މިތިބީ ކޮންމެ ގެއަކަށް ދޭންބުނި ޑކްޓަރުގެ އިންތިޒާތުގާ.

  2. ޑސ

    ކޮބާ . ބުނި ޑޮކްޓަރެއް ދޭނަމޭ. މިހާރު ފަސްއަހަރުވެސް ނިމިދަނީ

  3. ބޮކި ބޮކި ބޮކި

    މަމެންގެ ބުއުޓިފުލް ސަރުކާރަކަށް ތިޔަކަމެއް ނުވިއެއްނު! ޥ.ވާހަކަ