ކަނޑު އުޅަނދުތަކާއިި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ "ޓްރެކިން" ސާވިސްއެއް ދިރާގުން ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ތައާރަފް ކޮށްފައި ވަނި އިއްޔެ ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ދިރާގުގެ ޗީފް މާކެޓިން އޮފިސަރ އެވެ.

ދިރާގުން ތައާރަފް ކުރި "ޓްރެކިން ސާވިސް" މެދުވެރިކޮށް ރާއްޖޭގެ ކޮށްމެ ތަނެއްގައި އުޅަނދު އޮތަސް ބަލައިލެވޭނެ ކަމަށާއި އެ ހިދުމަތަކީ ކަނޑު އުޅަނދުފަހަރަށް ހާއްސަކޮށްގެން ތައާރަފްކުރި ހިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ އަލަން ތައާރަފް ކުރި ޓްރެކިން ހިދުމަޔތް މެދުވެރިކޮށް ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކަށް ކޮންމެ އުޅަނދަކާ ބެހޭ ގޮތުން ވަކިވަކިން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އުޅަނދުގައި ތެޔޮ ބޭނުން ކުރާ މިންވަރާއި ދަތުރުކުރަމުންދާ ސްޕީޑްވެސް މި ހިދުމަތް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ މަގްސަދަކީ ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި ވީއެންމެ އަވަހަކަށް އެންގުން ކަމަށާއި އެފަދަ ހާލަތެއްގައި "ޓްރެކް" އެޕްލިކޭޝަނުގައި އިންނަ ޕެނިކް ފިތައް ފިއްތާލުމުން އިމަޖެންސީ ނަންބަރަށް ވަގުތުން ގުޅޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ބޭނުން ކުރާ ފުރަތަމަ ރާއްޖޭގެ ޓްރެކިން އެޕްލިކޭޝަނެވެ.