ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމާއި ގުޅިގެން ވިޔަފާރިވެރިންނާއި، ރަށުގެ އާއްމުން އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަން އިން މި ދަތުރުތައް ފެށީ އިއްޔެ އެ އެއާޕޯޓްގައި ބޭއްވި ރަސްމިޔާތެއްގައެވެ. ހަނިމާދޫން ކޮޗިންއަށް ދިޔަ ފުރަތަމަ ފްލައިޓް އެ އެއާޕޯޓުން ނައްޓާލީ އިއްޔެ ހަވީރު 5:40 ގައެވެ.
''އަހަރެމެން ވަރަށް ވަރަށް އުފާވެއްޖެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ހަނިމާދޫ ރައްޔިތުންނަށް ގެނެސް މި ދެނީ އުފާވެރިކަން. ހަނިމާދޫ – ކޮޗިން ދަތުރު ފެށުމާއެކު، އަހަރެމެން ބޭސް ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދާން ވަރަށް ފަސޭހަވެގެން ދާނެ'' ހަނިމާދޫ އެއާޕޯޓުން ދިމާވި މެދު އުމުރުގެ މީހަކު ބުންޏެވެ.
ހަނިމާދޫ އެއާޕޯޓުން އިއްޔެ ދިމާވި ގިނަ މީހުން ދިޔައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޝުކުރު އަދާކުރަމުންނެވެ. އެއީ ރަށުގެ ތަރައްގީއަށް އިތުރު ދޮރެއް ހުޅުވައި ދިނީތީއެވެ.
ހަނިމާދޫ - ކޮޗިން ދަތުރުގެ ދެކޮޅު ޓިކެޓް އަގު 199 ޑޮލަރު ކަމަށް ވީ ޓިކެޓްގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. އެ އަގުތައް ބޮޑުވެދާނެ ކަމުގެ ބިރު ރައްޔިތުންގެ އެބަ އޮތެވެ. އެހެން ނަމަވެސް އެ އަގުތައް ބޮޑުވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަމެއް އަދި ނެތް ކަމަށް ''ވަގުތު'' އަށް މައުލޫމާތު ލިބިފައިވެއެވެ.
ހަނިމާދޫ - ކޮޗިން ދަތުރުން ތިލަދުންމަތީ ރައްޔިތުންނާއި، ވިޔަފާރިވެރިންނަށް ލިބޭނީ ކޮން ފައިދާއެއް؟
ހަނިމާދޫ - ކޮޗިން ދަތުރު ފެށުމާއެކު، މުޅި ތިލަދުންމައްޗަށް ލިބިގެން މި ދިޔައީ ފަސޭހައެކެވެ. ރަށާއި ކައިރިން ބޭސް ފަރުވާއަށް އިންޑިއާއަށް އެބަ ދެވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ ފަތުރުވެރިން މުޅި ތިލަދުންމައްޗަށް ވިޔަފާރީގެ ދިރުން ގެނެސް ދޭނެއެވެ.
''ވަގުތު'' އަށް ދިން އިންޓަވިއުއެއްގައި ހަނިމާދޫ - ކޮޗިން ދަތުރު ފެށުމަކީ ހަނިމާދޫ ރައްޔިތުންނާއި މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކޮށް ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސަލާމް ޢަލީ ވިދާޅުވެފައިވެއެވެ. ''އެއީ އަގުހެޔޮކޮށް އެ މީހެއްގެ ރަށާއި ކައިރިން، ދެއްތޯ ދަތުރު ކުރެވެން ލިބުމާއި، މާލެ ނުގޮސް ސީދާ އިންޑިއާއާއި ހަނިމާދޫ ރައްޔިތުން ރަށުގައި ތިބެފައި ދިއުން އެއީ ހުރިހާ ގޮތަކުންވެސް ރަށަށް ލިބުނު ކުރިއެރުމެއް''އެވެ.
އަދި ފަތުރުވެރިންނަށް ޑައިރެކްޓްކޮށް ހަނިމާދޫއަށް ދަތުރުކުރެވެން ފެށީމަ، ގިނަ ފަތުރުވެރިން އަންނަ ހިތްވާނެ ކަމަށް އެ ސަރަހައްދުގެ ވިޔަފަރިވެރިން ގަބޫލުކުރެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ހަނިމާދޫއިން ކޮޗިންއަށް ދަތުރު ފެށިގެން ދިއުމުން، ސިއްހީ ފަރުވާއަށާއި އިތުރު ބޭނުންތަކަށް ދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންއަކީ ފަތުރުވެރިކަމަށް ރާއްޖޭގައި ކޮންޓްރިބިއުޓް ކުރަމުން އަންނަ އެއް ކުންފުނި ކަމަށާއި ހަނިމާދޫ ކޮޗިންގެ ދަތުރު ފެށުމުން މިއީ ޓުއަރިޒަމަށް ހުޅުވިގެންދާނެ ވަރަށް ބޮޑު ދޮރެއް ކަމަށެވެ.
ހަނީމާދޫ އޮތީ ޓުއަރިޒަމްއަށް ފައްކާވެފައި
ހަނިމާދޫގައި މިހާރުވެސް އަށް ގެސްޓް ހައުސް ހިންގައެވެ. މީގެ އިތުރުން 104 އެނދުގެ ބޮޑު ސިޓީ ހޮޓަލެއް ހިންގައެވެ. އަދި އެ ރަށުގައި ގެސްޓުން ވިޔަފާރި ކުރުމަށް ހާއްސަ ދެ ފިހާރައެއް ހުރެއެވެ. އެ ތަންތަނުން ރަށަށް ބޮޑު ފައިދާއެއް ވަމުން އަންނައިރު، ރަށުގައި އިތުރު ގެސްޓް ހައުސް އެޅުމަށް، ޑިމާންޑް ވަރަށް ބޮޑެވެ. އަދި ރަށުގައި ޖާގަ ވަރަށް ތަނަވަހެވެ. އެހެންވެ ކައުންސިލުގެ ވިސްނުން ހުރީ މިރަށުން އިތުރު ބިންތައް ފަތުރުވެރިކަމަށް ދޫކޮށް، ރަށް ފަތުރުވެރިކަމަށް ފައްކާ ކޮށްލުމަށެވެ.
ރަށު ކައުންސިލުން ފާހަގަކުރިގޮތުގައި، ހަނިމާދޫން ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައް އިތުރުވެގެން ދިއުމާއެކު، ފަތުރުވެރިކަމަށް އެ ރަށަށާއި، ސަރަހައްދަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ.
ހަނިމާދޫ - ލަންކާ ދަތުރު ފަށަން ގިނަ ބަޔަކު ބޭނުންވޭ
''ދުނިޔޭގެ އެކި މަންޒިލްތަކަށް ހާއްސަކޮށް ފާހަގަކުރެވޭ ލަންކާ. ލަންކާއަށް ފްލައިޓްތަކެއް އެޅުމަކީ ހަނިމާދޫއާއި މި ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ސަލާމް ފާހަގަކުރެއްވިއެވެ.
ސަލާމް ވިދާޅުވީ، ލަންކާއަކީ ރާއްޖެއާއި އެންމެ ކައިރީގައި ޓްރާންސިޓް ބަނދަރެއް އޮންނަ ގައުމު ކަމަށް ވާއިރު، ހަނިމާދޫން ލަންކާއަށް ޑައިރެކްޓް ފްލައިޓްތަކެއް ބޭއްވުމީ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
''އޭގެ ސަބަބުން މި ސަރަހައްދުގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށް ހާއްސަކޮށް، ބޭރުގެ ބޮޑެތި ބޯޓު ފަހަރު ހަނިމާދޫއަށް ޖައްސަން ފެށީމަ، މި ސަރަހައްދަށާއި، މި ރަށަށް ފައިދާ ވެގެން ދާނީ'' އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓްގެ ހާލަތު ރަނގަޅު ކުރުމަކީ ރައްޔިތުންގެ ހުވަފެނެއް
2013 ވަނަ އަހަރު، ކުރީގެ ރައީސް ޑރ ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، އިންޑިއާގެ ޓްރިވިންޑްރަމަށް ދަތުރު ކުރަމުން ދިޔައެވެ. އަދި އިއްޔެއާ ޖެހެން ދެން ހަނިމާދޫން ޓްރިވިންޑްރަމަށް ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރަމުންދިޔައިރު، އިއްޔެ ފެށި ކޮޗިން ދަތުރާއެކު، މި އެއާޕޯޓަކީ ހަފްތާއަކު އިންޓަނޭޝަނަލް ފަސް ދަތުރު އޮޕަރޭޓް ކުރާ އެއާޕޯޓަކަށް ވެގެން ދާނެއެވެ.
މިގޮތަށް މި އެއާޕޯޓުން ކުރާ ދަތުރުތައް އިތުރުވި ނަމަވެސް، އެއާޕޯޓަށް ތަރައްގީ ނައުމަކީ ރައްޔިތުން ވަރަށް ހިތްދަތިވާ ކަމެކެވެ. އަދިވެސް ބޭނުން ކުރަމުން ދަނީ އެއިރު އެޅި ރަންވޭއާއި އެއިރު އެޅި ޓާމިނަލްއެވެ. މި އެއާޕޯޓް ރަނގަޅު ފެންވަރެއްގެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާން ޖެހެއެވެ.
ސަލާމް ވިދާޅުވީ، ހަނިމާދޫ އަދި ސަރަހައްދުގެ ގިނަ ރައްޔިތުން އުއްމީދު ކުރަނީ މިހާރު މި އޮތް އެއާޕޯޓުގެ ހާލަތު މިއަށްވުރެ ރަނގަޅު ކުރުން ކަމަށެވެ. އަދި ބޮޑެތި ބޯޓު ފަހަރުތައް އެ އެއާޕޯޓަށް ޖެއްސޭނެ ފެންވަރަށް ރަންވޭ ބޮޑުވެގެން ދިއުމާއި، ބޮޑު ޕެސެންޖާ ޓާމިނަލެއް މި އެއާޕޯޓުގައި އެޅިގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދެކެވެ.
''އަޅުގަނޑު ވަރަށް ގިނަ ކައުންސިލްތަކާއި ބައްދަލުވެފައި ހުރީ މި ސަރަހައްދުގެ، އެ ބޭފުޅުންގެވެސް ވަރަށް ބޮޑު އުއްމީދެއް ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ބޯޓު ފަހަރުތައް ޖައްސާ ހިދުމަތްތައް ލިބުން، އެ ބޭފުޅުން މިހާރު ތައްޔާރަށް ތިއްބެވީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމަށްވެސް'' ސަލާމް ވިދާޅުވިއެވެ.
މީގެ އިތުރަށް ސަލާމް ފާހަގަކުރެއްވި ގޮތުގައި މި ސަރަހައްދަކީ ރީތި ގޮނޑުދޮށްތައް އޮންނަ ހިސާބެއްކަމުން ގިނަ ފަތުރުވެރިން މި ސަރަހައްދުތަކަށް އައުމަށް ބޭނުންވާނެއެވެ. އެ ފަތުރުވެރިން މި ސަރަހައްދަށް ގެނެވޭނީ، ހަނިމާދޫ އެއާޕޯޓަށްވެސް ރަނގަޅު ބަދަލު ތަކެއް ގެނެވިގެންނެވެ.
ހަނިމާދޫ އެއާޕޯޓު މި ސަރުކާރުން ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދެމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ބޮޑު އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށެވެ.
''އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން ދާނެ. އެކަމުގެ ފޮނި މީރުކަން، މި ހަނިމާދޫގެ ރައްޔިތުންނަށާއި، ތިލަދުންމަތީގެ އެންމެ ރައްޔިތުންނަށް ލިބިގެންދާނެ'' އިއްޔެ ހަނިމާދޫގައި ހަނިމާދޫ - ކޮޗިން ދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޢަބްދުލް ޣަފޫރު ވިދާޅުވިއެވެ.
އެ އެއާޕޯޓް ތަރައްގީ ކުރުމާއި ގުޅުން ހުރި ބައެއް ފަރާތްތަކާއި ކައުންސިލުން ވަނީ ވާހަކަދައްކާފައެވެ. ނައިބް ރައީސް ފައިސަލް ނަސީމާއި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި އެކަމާއި ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރައީސާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ހަނިމާދޫ.. ތަރައްގީވެ ފައްކާވަމުން އަންނަ ރަށެއް
ފަތުރުވެރިކަން ފުޅާވެފައިވާ ހަނިމާދޫގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ނިމިއްޖެއެވެ. އިތުރު މަޝްރޫޢުތައް ދަނީ ކުރިއަށެވެ. އެގޮތުން މިހާރު ހަނިމާދޫގައި ނަރުދަމާ އޮތީ އެޅިފައެވެ. ސާފު ބޯ ފެނުގެ ހިދުމަތް ލިބެއެވެ. މަގުތަކުގައި ތާރު އެޅެމުންދާއިރު، ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ކައުންސިލާއި ރައްޔިތުންގެވެސް އެންމެ ބޮޑު އެދުމަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ ފައްކާވެގެން ދިއުމެވެ.
އައިލެންޑް އޭވިއޭޝަނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދުރު ވިސްނުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން، ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ފެއްޓުމަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ. ހަނިމާދޫ - ކޮޗިންގެ އިތުރުން، ހަނިމާދޫ - ލަންކާ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ.
ހަނިމާދޫއަކީ 25 އަހަރަށް ވުރެން ގިނަދުވަސްވީ އެއާޕޯޓަކާ އެކީވެސް ކުރި ނޭރި ރަށެއް. އެރަށު ރައީތުންނަށް ލިބިފަވާ ފަހި ފުރުސަތުގެ ބޭނުން ނުކުރާބަޔެއް އެއީ
ކޮބައިތަ ބޭނުމަކީ "އިންޑިޔާ" ގެ ކޮޗިންއަށް ދިއުން؟ އިންޑިއާއިން ކޮންކަމެއްބާ ކޮއްދެނީ؟ އޭގެ ބަދަލްގައި ކިހާއެއްޗަކަށް ޑިމާންޑް ކުރޭބާ؟
މިހުރިހާކަމެއްހުރި އިރުވެސް އެރަށުގެ އުމްރާނީ ތަރައްގީ ވަރަށް ދަށްރަށެއްގެ ގޮތުގަެި ފެނިގެންދަނީ ، ރަށެއްގެ ކުރިއެރުމާއި ރައްޔިތުންގެ ތަރައްގީގެ ބައިވެރިވުން ކިތަންމެހާވެސް އެކްވާންޖެހޭނެ
މީގެކުރިންވެސް ހަނިމާދު އިންޑިޔާ ދަތުރުކުރޭ އެދަތުރުތައް ހަމަޖައްސާފަ އޮންނަނީ ލޭއޮވަ އައްދާފުލައިޓްގަ ދަންވަރު އިންޑިޔާ އައްދާންބޭނުންމީހާ ހުންނަންޖެހޭނި އެރޭހޭލާ ހަނިމާދުއައް އަންނަން ބޭނުންމީހާވެސް ހުންނަންޖެހޭނި ހޭލާ ވަރައް ބޮޑުތަކްލީފަކައްވެފައޮންނަނީ ހަނިމާދޫން އިންޑިޔާ އައްދިއުން އެހެންގޮތެއް ނެތީމަ ދަތުރުކުރަނީ އެވެސް މާލެއައްވުރެ އަގުބޮޑުކޮން ހަނިމާދު ރައްޔިތުން އުފާވެދާނެފަހަރުގަ އެއީ އެ އެއާރ ޕޯޓް ހަނިމާދުގައޮތީ ތީވެ އެނޫން އުފަލެއް އޮތްހެނެއްހިޔެއްނުވޭ ޙާމިދޫ އެމީހުން ވަރައްކަން ނެތްވާނެ
މިސަރުކާރުން އެކަނި ކުރިކަމެއްނޫންތީ، ހަނިމާދޫއިން ބޭރަށް ދަތުރުކުރުމަކީ. ކަލޭމެނަކީ ކޮންމެކަމެއް ދުނިޔެވަރަށް ބޮޑުކޮށްފަ އެކަމެއް އިޝްތިހާރު ކުރާބައެއް. އެހެންވީމަ ތިއޮތީ ނިކަން ބޮޑުކަމެއް ކުރެވިފަ. ރަށެއްގެ ބަނދަރުގަ ފެން އިސްކޫރެއް ބެހެއްޓިޔަސް ކަލޭމެންގެ ފެންވަރުން އެއީ މެގަ ޕްރޮޖެންޓެއް. ޓީވީތަކަށް އަރާވަރު ކަމެއް އެއީ.
މަޑުކޮށްބަލަ ބޭސްފަރުވާއަށް ދަންޔާ ވިސާޖަހަން ނުޖެހޭތަ މާލެނައިސް ވިސާޖެހޭނެތަ؟
ހާދަނުކެރުނެދޯ
ކިއުންތެރިންނަށް އެނގިލައްވާތޯ ހަނިމާދޫ އާއި އެންމެ ށ.އަތޮޅުގެ ރަށަކުން ހަނޮމާދޫއަށްދާން 3 ހާސްރުފިޔާ ޚަރަދުކުރަންޖެހޭ މާލެ އަންނަން ލޯނޗެއްގަ 850 ރުފިޔާ ބޯޓްގަ 350 ރުފިޔާ އެހެންވީމާ ޚަރަދަށްބަލާއިރު މާލެއިން އިންޑިއާއަށްދިއުން މާޚަރަދުކުޑަ އަދިވެސް.
ތީބޭކާރު ކަމެއް ހަނިމާދޫއިން ކޮޗިނައް ދަތުރު ފެށުމައްވުރެ މާރަނގަޅުވާނެ ޓުވެރި ޒަމައް ރައްތައް ތަރައްގީ ކުރިނަމަ