ގަލްފް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ބަހްރެއިންގެ ގަލްފް އެއާގެ ޝެޑިއުލް ދަތުރުތައް ފެށުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ގަލްފް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯފަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

ގަލްފް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު އެ އެއަރލައިންއިން ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަލްފް އެއަރގެ ޗީފް ކޮމާޝަލް އޮފިސަރ ވިންސެންޓް ކޯސްޓޭ ވިދާޅުވީ، ރާއްޖެއަކީ ކާމިޔާބު މަންޒިލަކަށް ވާނެކަމާއިމެދު އެ ކުންފުނިން އެއްވެސް ޝައްކެތް ނުކުރާކަމަށެވެ. އަދި ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

1950 ވަނަ އަހަރު އުފެދުނު ގަލްފް އެއާލައިނަކީ މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިނެވެ. ގަލްފް އެއާލައިނުން މިހާރު 28 ޤައުމެއްގެ 50 މަންޒިލަކަށް އަންނަނީ ދަތުރުކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ޓްއަރިޒަމް ސީޒަނާއި ދިމާކޮށް ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެއެވެ. އަދި އާއްމުކޮށް ދަތުރުކުރާ އެއާލައިންތަކުގެ ދަތުރުތައް ވެސް އިތުރު ކުރެއެވެ.