(ހދ. ހަނިމާދޫ) ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަން އިން މި ދަތުރުތައް މިއަދު ފެށިއިރު، ހަނިމާ އިން ކޮޗިންއަށް ދާ ފުރަތަމަ ފްލައިޓް އެ އެއާޕޯޓުން ނައްޓާލީ އިރުއޮއްސި 5:40 ގައެވެ. ހަނިމާދޫ-ކޮޗިންއާ ދެމެދު ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ.

ހަނިމާދޫން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރަށެވެ. މާލެ އާއި ކޮޗިންއާ ދެމެދުގެ ޓިކެޓް އަގަކީ ދެކޮޅަށް 150 ޑޮލަރެވެ.

މިއަދު ހަނިމާދޫ އެއާޕޯޓްގަައި ބޭއްވި ރަސްމިއްޔާތުގަައި ވާހާކަ ދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، މިއަދުން ފެށިގެން ކޮޗިންއަށް ދަތުރު ފެށިގެން ދާއިރު، ސިއްހީ ފަރުވާއަށާއި އިތުރު ބޭނުންތަކަށް ދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންއަކީ ފަތުރުވެރިކަމަށް ރާއްޖޭގައި ކޮންޓްރިބިއުޓް ކުރަމުން އަންނަ އެއް ކުންފުނި ކަމަށްވާއިރު، ހަނިމާދޫ ކޮޗިންގެ ދަތުރު ފެށުމުން މިއީ ޓުއަރިޒަމްއަށް ހުޅުވިގެންދާނެ ވަރަށް ބޮޑު ދޮރެއް ކަމަށެވެ.

މިއަދު ހަނިމާދޫން ކޮޗިންއަށް ސީދާ ދަތުރުތައް ފެށިއިރު، ރިޒްވީ ފާހަގަކުރެއްވިގޮތުގައި، މިއަދުން ފެށިގެން ހަނީމާދޫ ފަސް ދުވަހު އިންޓަނޭޝަނަލް އޮޕަރޭޝަން ހިންގާނެ އެޗެ. ރިޒްވީ މިގޮތަށް ފާހަގަކުރެއްވިއިރު، މީގެ ކުރިން އެ އެއާޕޯޓުން އިންޑިއާގެ ޓްރިވިންޑްރަމްއަށް ހަފްތާއަކު ދެ ދުވަހު ދަތުރު ކުރެެެވެ.

މޯލްޑިވިއަން އިން ބުނީ ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީތަލަ ހަންނާނު ބޮޑޭ

    ވަރައް އުފާވެއްޖެ، އަލައް މިފަދަ ދުވަހެއް މިފެނުނީ، ތެންކްސް ސޯ މަޗް، މިއަދަކީ މިމަހު 28 ކޮޗިން ހަނިމާދޫ ގެ ފެށުން????????????????

    4
    2