އައްޑޫ ސިޓީގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިން ހޯދަން ކުރިމަތިލުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އައްޑޫ ކައުންސިލުން އަންނަ ބުރާސްފަތި ދުވަހު ހުޅުވައިލާ ގޮތަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގެ ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިން ދޫކުރުމަށްޓަކައި ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ބިޑް ވިއްކަން ފަށަން އޮތް ތާރީހް ބަދަލުވެފައިވާތީ އެކަން އާންމުކޮށް އަންގާ އިއުލާނު ކުރާ ކަމަށެވެ.

މިކަމަށް އެންމެ ފުރަތަމަ ހުޅުވާލަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 13 ވަނަ ދުވަހާއި ހަމައަށެވެ. ބިޑް ވިއްކުން ލަސްކޮށްފައި މިވަނީ އެކަމަށް އިތުރު ވަގުތު ބޭނުންވެގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިހާރު ބިޑް ވިއްކަން ނިންމާފައި ވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް އެ ކައުންސިލުން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރަށެވެ.