ދުބާއީގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ބާއްވާ އެޤައުމުގެ އެންމެ ބޮޑު އެއް ސޭލް ކަމަށްވާ "3 ޑޭ ސުޕަސޭލް" (3ޑީއެސްއެސް) ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ސޭލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފަށައިގެން އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސޭލް އިންތިޒާމްކުރާ ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވަނީ، ސުޕަސޭލްގެ ދަށުން ތިން ދުވަހުގެ މުއްދަތަކަށް ދުބާއީގެ ބޮޑެތި މޯލްތަކުން 90 އިންސައްތަ އާއި ހަމައަށް އެކި ބާވަތްތަކުން ޑިސްކައުންޓް ދެމުންދާނެ ކަމަށެވެ. އެގޮތުން ފެޝަން، ބިއުޓީ، ރަން އަދި ގޭތެރެއަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް އާއި ގަހަނާ އާއި އެނޫންވެސް ތަކެތިން ބޮޑެތި ޑިސްކައުންޓުތަކެއް މި ސޭލްގެ ދަށުން ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ސޭލްގެ ދަށުން މަޝްހޫރު 500 އަށްވުރެ ގިނަ ބްރޭންޑުގެ އުފެއްދުންތައް ދުބާއީގެ ދެހާހަށްވުރެ ގިނަ މޯލް އިން އާދަޔާއި ޚިލާފަށް ހެޔޮ އަގުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގެ މި ސުޕަސޭލްއަކީ އެޤައުމަށް ދަތުރުކުރާ ވިޔަފާރިވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ސޭލްއެވެ. މި ސޭލް އާއި ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދުބާއީއަށް ދަތުރުކުރަމުން ދެއެވެ.