ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި އެއާބަސް އޭ330 މަރުކާގެ ބޮޑެތި ބޯޓުތައް ދުއްވުމުގެ ގާބިލްކަން އެބަ ހުރި ކަމަށް އެ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

މިއަދު މޯލްޑިވިއަން ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، މޯލްޑިވިއަން އަކީ ރާއްޖޭގައި އޮތް ޓެކްނިކަލީ އެންމެ ރަނގަޅު އެއާލައިން އޮޕަރޭޓަރ ކަމަށާއި، ރާއްޖޭގެ ގައުމީ އެއާލައިނަށް މޯލްޑިވިއަން ވެފައި އެކަންތައް ވަރަށް ރަނގަޅަށް ދައްކަމުން އަންނަ ކަމަށެވެ.

ރިޒްވީ ވިދާޅުވީ، މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓެއް ގެންނަން ވާހަކަދެކެވެމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެގްރީމެންޓަކާ ހަމައަށް ނުދެވޭ ކަަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރިޒްވީ ވިދާޅުވީ، ބޮޑެތި ބޯޓުތައް ގެނެސް އޮޕަރޭޓު ކުރުމަކީ ކުންފުންޏަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ވައިޑް ބޮޑީ އެއާކްރާފްޓުގެ ޕްރޮޖެކްޓަކީ ވަކި ޕްރޮޖެކްޓެއް ކަމަށާއި، އެކަމަކީ މެނޭޖް ކުރެވިގެން އަންނާނެ ޕްރޮޖެކްޓަކަށް ވާނެ ކަން ރިޒްވީ ވަނީ ފާހަގަކުރައްވާފައެވެ.

"ވައިޑް ބޮޑީ އެއާކްރާފްޓަކީ ވަކި ޕްރޮޖެކްޓެއް ވަކި ނެގޯޝިއޭޝަންއެއްގެ ދަށުން ވަކި ބަޔަކު އިންވޯލްވެގެން އަންނަ އެއްޗެއް. އަޅުގަނޑުމެންނަށް މެނޭޖް ކުރެވިގެން އަންނާނެ ޕްރޮޖެކްޓަކަށް ވާނީ". ރިޒްވީ ވިދާޅުވިއެވެ.

ކުންފުނީގެ ޑެޕިިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އެ ކުންފުނީގެ ގާބިލްކަމާއި ދޭތެރޭ އެއްވެސް ޝައްކެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން އޭ320 އައި އޭ321 އެއާ ކްރާފްޓް ގެނައިއިރު އަޅުގަނޑުމެންގެ ކުންފުނީގެ އޮތީ ކިއު 300 ގެ މަތިންދާ ބޯޓެއް އެކަމަކު އެ ގެނައި މީހުން މިއަދުވެސް މި އުޅެނީ ވައިޑް ބޮޑީ އެއާކްރާފްޓަކަށް ދާން". ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން އިތުރު ބޯޓުތައް ގެނެސް ތައްޔާރުވަމުން ދަނީ، ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ފުޅާ ކުރުމަށެެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެތެރޭގެ އުދުހުންތަކުގައި މުހިއްމު ރޯލެއް އަދާ ކުރަމުން އަންނަ އެއާލައިނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދު

    ތީރައީސްޔާމީން ކުރިމަސައްކަތް..ވ ސަލާމް

    3
    2