މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ކުންފުންޏަށް ލިބިފައިވާ ފައިދާ މިދިޔަ އަހަރަށްވުރެ އިތުރު ކަމަށް އެކުންފުނިން ބުނެފިއެވެ.

ނޫސްވެރިންނަށް ހުޅުވާލައިގެން މިއަދު ބޭއްވި ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކަށް ޑިސްކައުންޓުގެ ގޮތުގައި މިއަދާ ހަމައަށް، ރައްޔިތުންނަށް 73 މިލިއަން ރުފިޔާ ދެވިފައިވާކަމަށެވެ. އަދި 2018 އާއި 2019 އަޅާ ކިޔާނަމަ އެ ކުންފުނި އުޅެނީ ޕްރޮފިޓްގައި ކަަމަށެވެ.

"ތިން ކުއާޓާރު ނިމިގެން އައި އިރު އަޅުގަނޑުމެންގެ ކުންފުނި 2018 އަށްވުރެ އަދިވެސް ހަމަ ޕްރޮފިޓް މަތީގައި މި އުޅެނީ. 2018 އާއި 2019ގެ ސެޕްޓެމްބަރުގެ ކޮމްޕެޓިޝަންއެއް ހަދަންޏާމުން އަދިވެސް އަޅުގަނޑުމެން މި އުޅެނީ ޕްރޮފިޓުގައި". ރިޒްވީ ވިދާޅުވިއެެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓާގައި ކުންފުންޏަށް ގެއްލުން ލިބިފައިވަނީ ރަމަޟާން މަހާ ދިމާވުމުން ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އަބަދުވެސް އައިލޭންޑް އެވިއޭޝަނަށް ގެއްލުން ވަމުން އަންނަ މަހެއް ކަމަށާއި މޯލްޑިވިއަން، ޓޫރިސްޓް މޫވްމެންޓައް އައި ހިސާބުންވެސް އަބަދުވެސް ކޮންމެ ރޯދަމަހަކަށް ގެއްލުންވާ ކަމަށް ރިޒްވީ ވިދާޅުވިއެވެ. ރިޒްވީ ވިދާޅުވީ، ރަމަޟާން މަހު ރައްޔިތުން ކުރާ ދަތުރުތައް މަދުވާ ކަމަށާއި ދަތުރުތައް އަޅާނީ ރިސޯޓް ތަކުން އަންނަ ގެސްޓުން ގޮވައިގެން ކަމަށެވެ.

"އާންމު ގޮތެއްގައި ރޯދަމަހަކީ ވަރަށް ޓްރެވެލް ލޯ ޕީރިއަޑެއް. މުޅި ރާއްޖެއަށްވެސް. މިއީ މިފަހަރު ދިމާވި ކަމެއް ނޫން. ފެށުނީސުރެ އަޅުގަނޑަށް ހީވަނީ ރިސޯޓް ޓޫރިސްޓް މޫވްމަންޓަށް ފެށުން އެއީ އަޅުގަނޑަށް ހީވަނީ މިހާރު 15 އަހަރު ވެދާނެ ހެން އޭރުއްސުރެ ރޯދަ މަހަކީ އަބަދުވެސް އައިލޭންޑް އެވިއޭޝަނަށް ގެއްލުމެއް ވަމުން އަންނަ މަހެއް." ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ، މިފަދަ ގެއްލުމެއް ދިމާވެފައިވާ އަނެއް ކަމަކީ ޗައިނީސް ޓޫރިޒަމް ދެވަނަ ކުއާޓާގައި ދައްވެގެން އައިން ކަމަށާއި އެގަޑީގައި އެބޭފުޅުން ބަލާފައިވަނީ އޭގެ ބަޖެޓްގެ ކަންތަކާއި ދެން ކަންތައް ކުރަންވީ ގޮތަށް ކަމަށެވެ.

ރިޒްވީ މިފަދައިން ވާހަކަ ދައްކާފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ދެވަނަ ކުއާޓާގައި އައިއޭއެސް އަށް ލިބުނު އާމްދަނީ 15 ޕަސެންޓް ދަށްވެފައިވާތީ ބައެއް ފަރާތްތަކުން އެކަމާއި ގުޅިގެން އެކި ކަހަލަ ވާހަކަ ދައްކަވަމުން އައިސްފައިވާ ދަނޑިވަޅެއްގައިވެ. މީގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީއެވެ.