ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި އެންމެ ގިނައިން ޑޮލަރު ބަހާފައިވާ ދެ ރިސޯޓުގެ ތެރޭގައި ނ އަތޮޅުގައި ހިންގަމުން އަންނަ ދެ ރިސޯޓެއް ކަމަށްވާ ޝެވަލް ބްލަންކް ރަންދެލި ރިސޯޓާއި، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ހިމެނިއްޖެއެވެ.

އޮކްޓޯބަރު މަހުގައި އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. އެގޮތުން އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1097 ޑޮލަރު ބަހާފައިވެއެވެ.

މި މަޢުލޫމާތުތައް ޙިއްސާކޮށްލަނީ ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސްޗާޖުގެ މަޢުލޫމާތު، މަހުން މަހަށް އެއްކޮށްފައި، ހާމަކުރާ ދިވެހި ވެބްސައިޓެއް ކަމަށްވާ 'މޯލްޑިވްސް ސާވިސް ޗާޖް' ވެބްސައިޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށްފައެވެ. ރިސޯޓު ތަކުގެ ސާވިސްޗާޖްގެ މަޢުލޫމާތު އެ ވެބްސައިޓަށް ފޮނުވަމުންދަނީ ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރާ 148 ވަރަކަށް ރިސޯޓު އޮންނައިރު، ނިމިދިޔަ މަހުގެ ސާވިސްޗާޖްގެ މަޢުލޫމާތު ލިބިފައިވަނީ 52 ރިސޯޓެއްގެއެވެ. ޝެވަލް ބްލެންކް ރިސޯޓުގެ ފަހަތުން، ދެވަނަ އަށް އެންމެ ގިނައިން ސާވިސްޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑްގެ ފަރާތުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 916 ޑޮލަރު ބަހާފައިވެއެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ ސާވިސްޗާޖްގެ ގޮތުގައި މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 662 ޑޮލަރު ދީފައިވާ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ.

މީގެ އިތުރުން އިތާފުށި ރިސޯޓު (641 ޑޮލަރު)، ވެލިގަނޑު އައިލެންޑް ރިސޯޓު (620 ޑޮލަރު)، ޖުމެއިރާ ވިޓާވެލި (607 ޑޮލަރު)، ހުރަވަޅި ރިސޯޓު (605 ޑޮލަރު) އަދި ކުޑަދޫ ރިސޯޓުންވެސް މިދިޔަ މަހު ވަނީ މުވައްޒަފުންނަށް 600 ޑޮލަރަށްވުރެ މަތިން ސާވިސްޗާޖްގެ ގޮތުގައި ޑޮލަރު ދީފައެވެ. މިހާތަނަށް ސާވިސްޗާޖުގެ މަޢުލޫމާތު ލިބިފައިވާ ރިސޯޓުތަކަށް ބަލާއިރު، 475 ޑޮލަރަށްވުރެ މަތިން، ރާއްޖޭގެ 30 ރިސޯޓަކުން މުވައްޒަފުންނަށް މިދިޔަ މަހު ސާވިސްޗާޖް ލިބިފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ ސާވިސް ޗާޖު ނިސްބަތުން ވެއްޓިފައިވެއެވެ. ނަމަވެސް، ކުރިންވެސް ބެލެވިފައިވާ ގޮތަށް މިދިޔަ މަހާއެކު، މުވައްޒަފުންނަށް ސާވިސްޗާޖްގެ ގޮތުގައި ލިބޭ އަދަދު ކުރިއަށް އޮތްތާނގައި މައްޗަށް ޖެހޭނެއެވެ. ސަބަބަކަށް ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ގެ ގޮތުގައި، ޒަމާނުއްސުރެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށް އުޅެނީ އޮކްޓޯބަރުން ފެށިގެން ފެބްރުއަރީގެ ނިޔަލަށް ކަމަށް ތަފާސް ހިސާބުތަކުން ވެސް ދައްކާތީއެވެ. ކޮންމެ އަހަރެއްގެވެސް އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ބޮޑު ސާވިސްޗާޖެއް ގިނަ ރިސޯޓުތަކުން ދެއެވެ.