މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 52.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވެސް ލިބޭ އާމްދަނީ އަށް ވުރެ ކުރާ ޚަރަދު ބޮޑުވާނެ ޑިފިސިޓް ބަޖެޓެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް ޓަކައި އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ބޮންޑު ވިއްކަން ވަނީ ނިންމައިފަ އެވެ. ޑެފިސިޓްވާ ބައި ފޫބެއްދުމަށް ޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ ކަމަށާއި އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ހަމަޖެހިފައި ކަމަށް ފިނޭންސް މިނިސްޓްރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާފައިވާ ލޯނުތަކުން ތިން ބިލިއަން ރުފިޔާ ޑިސްބާސް ކުރާނެ އެވެ. އަދި ބޭރު ފަރާތްތަކަށް ވިއްކާ ބޮންޑާއި ސުކޫކުން 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް އެއްކޮށް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑުން 564 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    5 އަހަރު ނިމޭއިރު ބަނޑުފުރާނަމުއްތި ކޮށް އުނުއޮރިޔާން ފިލުވިއްޖެއްޔާ ރަނގަޅު.

    27
  2. ކެމްޕޭނުގައި

    ދައްކާ ވާހަކަ މިހާރު ދިމައެއް ނުވޭ. ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭނެ ވާހަކަ ބުނީ މިވައްތަރުގެ ދަރަނިތައް ރައްޔިތުންގެ ބޮލުގައި އަޅުވަން ދެއްތޯ؟ މިއީތޯ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާފަގަތި ކަމަކީ؟
    މިއީ ރައްޔިތުންގެ އުފާފާގަތި ކަމެއްނޫން. ރައްޔިތުންނަށް ލިބޭނެ އުފާފާގަތި ކަމަކީ ރައްޔިތުންގެ ޖީބުތަކަށް އަންނަ ހެޔޮބަދަލް. ރައްޔިތުން ދަރަނިވެރި ވުމެއްނޫން...