ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް އިހުސާސްކޮށްލާ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެ ކުރިއަރާފައިވާ މިންވަރު އިޝްތިހާރު ކުރުމުގެ ގޮތުން އިޓަލީގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި އަޑުއުފުލާ ނުފޫޒުގަދަ މީހުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބޭރު ދުނިޔޭގެ ގައުމުތަކަށް އިޝްތިހާރުކޮށް، ކުރިއެރުވުމަށްޓަކައި ކުރިޔަށް ގެންދެވޭ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 16 ވަނަ ދަތުރެވެ.

މިދަތުރުގައި މިޓީމް ރިސޯޓްތަކާއި ގެސްޓްހައުސް އަދި ލިވަބޯޑުގައި މަޑުކޮށް، އެތަންތަނުގެ ތަފާތު ޚިދުމަތްތައް ތަޖްރިބާ ކުރަން ހަމަޖެހިފައި ވާއިރު އެމީހުން ތިބެން ހަމަޖެހިފައި ވަނީ ގއ.އަތޮޅުގައި އޮންނަ ރަފްލްސް މޯލްޑިވްސް މެރަދޫ އާއި ސަން ސިޔާމް އިރުފުށްޓާއި ބ.ފެހެންދޫ ވައިޓް ލެގޫން ގެސްޓް ހައުސްއާއި ވޮރޭޖްސް މޯލްޑިވްސްގެ ގަހާ ސަފާރީގައެވެ.

އެމްއެމްޕީއާރުސީއިން މިގެންދާ ސިލްސިލާ ދަތުރު ތަކުގެ ބޭނުމަކީ ރާއްޖެއަށް އެކި ގައުމުތަކުން ގެނެވޭ ނޫސްވެރިން ރާއްޖޭގައި ކުރެވުނު ތަޖުރިބާތައް އެގައުމެއްގެ ނޫސް މަޖައްލާތަކާއި މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިރު ކުރުމެވެ.

މިގޮތުން ފަތުރުވެރިކަމުގެ ސިނާޔަތުގައި އިޓަލީއަކީ 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 97,375 ފަތުރުވެރިން ވަނީ އިޓަލީ އިން ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށް ވުރެން 31.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އެމްއެމްޕީއާރްސީ އިން ވަނީ އިޓަލީގެ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ބޮޑު ފެއަރ ކަމުގައިވާ ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ވެސް ބައިވެރިވެފައެވެ. އަދި އެއާ ވިދިގެން ރޯމް އާއި މިލާންގައިވަނީ ރޯޑް ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ނިމި ދިޔަ މަހުގައި އެމްއެމްޕީއާރުސިއިން ވަނީ އޮސްޓްރޭލިޔާގައި ވެސް ރާާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. އަދި އެޔާއެކު އޮސްޓްރޭލިޔާގެ ނޫސްވެރިންގެ ޓީމެއްވެސް ވަނީ ރާއްޖެ ގެނެސްފައެވެ.