އަންނަ އަހަރުގެ ފަހުން ސަރުކާރުގެ މައި ބަޖެޓަކުން މިފްކޯއަކަށް ހަރަދެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މީގެ ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަންނަ އަހަރުން ފެށިގެން މިފްކޯއަކަށް ސަރުކާރުގެ މައި ބަޖެޓަކުން ހަރަދެއް ނުކުރާނެ ކަމަށެވެ. އަދި ސްޓޭޓް ޓްރެޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިންވެސް އާމްދަނީގެ އެއްވެސް މިންވަރެއް މިފްކޯއަށް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓަރ ވަނީ ވިދަޅުވެފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވެފައި ވަނީ އިންޓަރނޭޝަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެކު ފެސިލިޓީ އެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށެވެ. އަދި އެ ފެސިލިޓީ އަކީ 20 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިފްކޯ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ދައުރުވާ ފައިދާ ދިމާ ނުވުން ކަމަށާއި، ދައުލަތުން މިފްކޯއަށް ބޮޑު ހަރަދެއް ކުރަން ޖެހެނީވެސް އެކަމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ސަރުކާރުގެ ބަޖެޓުން ދެމުން ދިޔަ ފައިސާގެ ބަދަލުގައި ބޭނުން ކުރުމަށް އަައިޓީއެފްސީ އާއި އެކު 20 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ގާއިމް ކުރުމަށް ވިސްނާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފެސިލިޓީ ގާއިމްވުމުގެ ފަހުން ހަމަވަގުތުން ފައިސާ ދީގެންވެސް މިފްކޯ ހިންގޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ މިހާރު މަސައްކަތް ކުރަމުން ދަނީ ކަނޑުމަސް ވިއްކުމުގެ ދާއިރާ ފުޅާ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރިސޯސެސް އަޅުގަނޑުމެން މި ބޭނުން ކުރަނީ ކޭން ޓޫނާ ހަދަން. ރާއްޖޭގެ ފްކްޓްރީ ތަކުގައި މަސްދަޅު ބަންދުކޮށްގެން، ބޭރުގެ ބަޔާސް ހޯދައިގެން އެމަސައްކްތް ކުރަން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަދި އެމްއެމްޕީއާރުސީ އިން ކުރަން ޖެހޭ ހަމައެކަނި މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން ނޫން ކަމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިޝްތިހާރު ކުރުމަށްވެސް އެމްއެމްޕީއާރުސީ އިން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތެކޭ އެއްފަދައިން މަސްވެރިކަމުގެ ސިނާއަތްވެސް އިޝްތިހާރު ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރ އަމީރު ވަނި ދެއްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފްކޯއަކީ ފައިދާލިބޭ ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަގީންކަންވެސް އޮތް ކަމަށް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އެހެން ނަމަވެސް ސަރުކާރުން ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ބަލައިނުގަންނަ ކުންފުނިތައް އަދިވެސް އެބަހުރި ކަމަށާއި، އަދި ސަރުކާރަށް ކުރިއެރުވުމަށް އެއްބާރުލުން ނުދޭ ކުންފުނިތައް ބަލައި، އެކުންފުނިތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. އަދި އެފަދަ ތަންތަނުގެ ވެރިން ބަދަލު ކުރާނެ ކަމަށްވެސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެެވެ.