އިންޑިއާގެ ލޯކޯސްޓް އެއާލައިނެއް ކަމަށްވާ ގޯ އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށްވެސް ގޯ އެއާއިން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވައިފައި ވެއެވެ. މި ފަހަރުވެސް އިންޑިއާގެ އެންމެ ވަރުގަދަ ތިން ސިޓީކަމަށްވާ ދިއްލީ، ބެންގަލޫރު އަދި މުމްބާއީގެ ފުލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އަންނަ މަހުން ފެށިގެން އިންޑިއާގެ ގޯ އެއާއިން ދަތުރުތައް ފެށުމުން ރާއްޖެއަންނަ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ..

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު މިކަމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށް މިހާރު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ވަކިވަކި މާކެޓްތައް ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.