މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓަލް ސްޕޮންސަރަކަށް މި އަހަރުވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަ ޖެހިއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 ގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަށް އެސްޓީއޯ އާއި އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު އެސްޓީއޯ ހެޑް އޮފީހުގައެވެ. މިރަސްމިއްޔާތުގައި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހުއެވެ. ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސްއެވެ.