ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް 52 އަހަރު ފުރުން ކުލަގަދަކޮށް ފާހަރަކުރަން ފަށައިފިއެވެ.

މިއަދަކީ އެ އެއާޕޯޓަށް 52 އަހަރު ފުރުނު ދުވަހެވެ. މިއަދު ހެނދުނުން ފެށިގެން އަހަރީ ދުވަހުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމައަށް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓްގައި ވަނީ ދިިދަ ނެގުމުގެ ރަސްމިއްޔާތަކާއި، ކޭކެ ފެޅުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާއި ކުންފުނީގެ ޑެޕިއުޓީ އޮޕަރޭޓިން އޮފިސަރު މޫސާ ސާލިހްއެވެ.

މިއަދު ހެނދުނުގެ ރަސްމިއްޔާތުގެ ތެރެއިން އެއާޕޯޓު މުވައްޒަފުންނަށް ޚާއްސަ ސްޓާފް އައިޑީ ކާޑެެއް ވަނީ ތައާރަފްކޮށްފައެވެ. މި ކާޑު އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭނުން ކުރަން ފަށާނެއެވެ. މީގެ ސަބަބުން ކުރިން އެޓެންޑެންސް ބެލުމަށް ބޭނުން ކުރަމުން އައި ސެކިޔުރިޓީ ކާޑުގެ ބަދަލުގައި ބޭނުން ކުރާނީ އެ ކާޑެވެ. މި ކާޑު އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާއާއެވެ.

މީގެ އިތުރުން މިއަދު ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު ތައާރަފް ކުރި ކިއޮސްކްގެ ދެވަނަ ވާޝަން ވެސް އިފްތިތާހު ކޮށްފައެވެ.

ކިއޮސްކްގެ އިން މުވައްޒަފުންނަށް ބޭނުންވާނެ ގިނަ މައުލޫމާތުތައް ލިބޭނެއެވެ. އޭގެ ތެރޭގައި އެޓެންޑެންސް ތަފްސީލް މުސާރަ ތަފްސީލް ލޯނެއް ނަގަައިފިނަމަ އެ ލޯނުގެ ތަފްސީލްތައްވެސް ލިބެން ހުންނާނެއެެވެ.

މިއަދު އެއާޕޯޓްގައި މެންދުރު ފަހުވެސް ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މުވައްޒަފުންނަށް ހާއްސަ "ސްޓާފް ނައިޓް" މިރޭ އޮންނާނެއެވެ.