ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ ސިސްޓަމް އޮޓޮމޭޓްކޮށް ކަސްޓަމަރުންނަށް ފަސޭހައަކަށް އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އޮޓޮމޭޓެޑް ކާގޯ ހޭންޑްލިން ސިސްޓަމެއް ކަމަށްވާ ކޯސިސް، ވީއައިއޭގައި ގާއިމްކޮށްފައި ވަނީ ސިންގަޕޫރުގެ ސެޓްސް ކުންފުނިންނެވެ. މިއަދު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމް އިފްތިތާހްކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އާދިލް މޫސާ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރިފްއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިއި އެއާލައިންތަކާއި ކަސްޓަމާ ގުޅާލެވޭގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމް މެދުވެރިކޮށް ކާގޯ ހޭންޑްލިންގެ މަސައްކަތް މިހާރަށް ވުރެ އަވަހަަށް ކުރެވޭނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

މި ސިސްޓަމް މެދުވެރިކޮށް ފްލައިޓް މާލެ ޖެއްސުމުގެ ކުރިން އަންނަ ހުރިހާ ކާގޯއެއްގެ މަައުލޫމާތު ކުރީބައިގައި ލިބޭނެއެވެ.

"ކުރީގައި ޝިޕްމެންޓެއް ނުވަތަ ބޯޓެއް އައުމުގެ ކުރީގައި ކަސްޓަމަރަަކަަށްވެސް އަދި ކަސްޓަމްސްއަަކަށްވެސް މި ޝިޕްމެންޓް ކިހިނެއްތޯ އައިއްސަ އިންނާނީ. އެކަމަކު މި ކޯސިސްއާއެކު އަޅުގަނޑުމެންނަށް ފްލެއިޓް ޖެއްސުމުގެ ކުރީގައި މި މައުލޫމާތު ލިބި ކަސްޓަމަރަށްވެސް ކްލިއަރަންސްއަށް ރެޑީވުމާއި ކަސްޓަމްސްގެ ޕްރޮސެސިންގއަށްވެސް މިކަމުން ފަސޭހަވެގެންދޭ". އެސިސްޓެންޓް މެނޭޖަރ ފޯ ކާގޯ ސާވިސެސް އިބްރާހިމް ހަލީލް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި ކޯސިސް ގާއިމް ކުރިއިރު، ކަސްޓަމްސްގެ އަސިކުޑަ ސިސްޓަމާއި ފުލީ އިންޓަގްރޭޓްކޮށްފައެވެ. އެހެންކަމުން ބޯޓު ޖެއްސުމުގެ ކުރީގައި ލިބޭ މައުލޫމާތުތައް ލިބުމާއެކު، ކަސްޓަމްސްއާވެސް އެ ކަން ހިއްސާކުރެވި ކަސްޓަމްސްގެ މަސައްކަތްވެސް ހަލުވިވެގެން ދާނެކަމަށެވެ. އަދި ޝިޕްމެންޓްތައް ހޭންޑްލް ކުރަމުންދާ ވަރަކަށް އޭގެ އަޕްޑޭޓްތައް އެއާލައިންތަކަށްވެސް ޝެއާ ކުރަމުންދާނެއެވެ.

އަދި މިއަދު ތައާރަފްކުރި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ހުރިހާ ފްލައިޓް ޝެޑިއުލްތައް ބާލުމުގެ އިތުުރުން، ކަސްޓަމަރގެ އެ މުދަލުގެ ސްޓޭޓަސް ބެލުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި އެޕް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ލިބޭނެއެވެ.

މި ސިސްޓާމް ދުނިޔޭގެ 11 ގައުމެއްގެ 16 ސްޓޭޝަނެއްގައި ބޭނުން ކުރަމުން ދެއެވެ. ވެލާނާ އެއާޕޯޓްގައި ގާއިމްވެގެން ދިޔައީ މީގެ 17 ވަނަ ސިސްޓަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު ސުލައިމާނު

    މުދާ ލަސްވަނީ އެމް އޭ ސީ އެލް އަށް ހެންޑުލް ނުކުރެވޭތީ. މުދަލަށް އިހުމާލު ވާތީ. މުދާތައް ފްލައިޓުން ބޭލެނީ އެހާ ލަހުން. ބާލާފައި އެތައް އިރެއްވަންދެން ހުންނަނީ އަވީގައި ވާރޭވެހެންޏާ ތެމެން ވާރޭގައި. ޑެލިވަރީ ޢޯޑަރު ދޫކުރެވެނީ އެހާލަހުން. މުދާ ނެރެން ދާއިރު މުދާ ނުދެއްކޭ. ޢެއްވެސް ކަމެއްގެ ޒިންމާ އެއް ނަގާބައެއް ނޫން.