ޓުއަރިޒަމް މިނިސްޓްރީ އިން މިއަހަރަށް ކަނޑައަޅައިފައިވާ ޓާގެޓް، 1.5 މިލިއަން ޓުއަރިސްޓުން ހަމަކުރި ފަތުރުވެރިޔާ އަށް މޯލްޑިވިއަން މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

1.5 މިލިއަން ޓުއަރިސްޓުން ހަމަކޮށްފައި ވަނީ ރަޝިއާގެ މެރީނާ ކަޒަކޯވާ ނަމަކަށް ކިޔާ އަންހެން ފަތުރުވެރިއެކެވެ. އޭނާ އަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފައެވެ. ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް ދިވެހި ބޮޑުބެރު ފަދަ އެކި ސަގާފީ ހަރަކާތްތައް އެއާޕޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މެރީނާ މިއަދު ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިއީ އޭނާ ރާއްޖެއަށް ޒިޔާރަތް ކުރި 7 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަހަރުން ފެށިގެން ހަތް ފަހަރު މަތިން އޭނާ ރާއްޖެއަށް ޒިޔާރަތް ކުރީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ރިސޯޓް ތަކުގެ ހިދުމަތްތައް ފުރިހަމަ ވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މަޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ނަޒީރުއެެވެ.

މެރީނާ މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.5 މިލިއަން ޓުއަރިސްްޓުގެ ލަގަބު ހޯދުމާއި ގުޅިގެން އޭނާ އަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. އެގޮތުން ލިޔެލާ ޖެހި ދިވެހިންގެ މަސައްކަތެރި ކަން ފެންނަ ރަވާނާ އަކާއި، ދެ ސެޓްފިކެޓުގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް މިރިހި ރިސޯޓުން ތިން ހޮލިޑޭ ވައުޗަރާއި އެނބުރި ގައުމަށް ދާނެ ޓިކެޓު ދީފައިވެއެވެ.

މިއަހަރު ރާއްޖެ ޒިޔާރަކު ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ކަނޑައަޅައިފައިވާ ޓާގެޓަކީ 1.5 މިލިއަން ޓުއަރިސްޓުންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 1.4 ޓުއަރިސްޓުންނެވެ. މިއަހަރުގެ އަދި އެއްމަސް ބާކީ އޮތް އިރު އަންދާޒާ ކުރިވަރަށްވުރެ ގިނައިން މިއަހަރު ފަތުރުވެރިން ޒިޔާރަތް ކުރާނެ އެވެ.