ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު އަންނަ މަހުގެ 12 ވަނަ ދުވަހުގައި އިއުލާން ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމަށް ދޫކުރާ ރަށްތައް އިއުލާން ކުރުން އޮންނަނީ މިއަހަރުގެ ފަތުރުވެރިކަމުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ބާއްވާ ހާއްސަ ހަފްލާގައި ކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މި ހަފްލާ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުން އިންތިޒާރުކުރަމުން ހިނގައްޖެ އަލަށް ނެރޭ ރިސޯޓްތަކުގެ ނަންތައް. ކޮބައިތޯ އެރަށްތަކަކީ. އިރާދަކުރެއްވިއްޔާ ޑިސެމްބަރ 12 ވަނަ ދުވަހުގެރޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ޓޫރިޒަމަށް އަލަށް ރަށް ދޫކުރާނީ ފަތުރުވެރިކަމަށް ކަނޑައަޅާ ރަށްރަށުގެ ތިމާވެށީގެ އަދި އިގްތިޟާދީ އެސެސްމެންޓު ހެދުމަށްފަހު ކަމަށެވެ. މީގެ ބޭނުމަކީ ރިސޯޓު ހަދަން ރަށް ދޫކުރުމުގެ ކުރިން ހުރި ތިމާވެށީގެ ގޮންޖެހުންތަކާއި އިގްތިޟާދީ ގޮންޖެހުންތައް ދެނެގަތުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަންނަ އަހަރު މުޅިން އަލަށް 9 ރިސޯޓް ހުޅުވޭނެކަމަށް ލަފާކޮށްފައެވެ.