މާލެ ދަތުރުވެރިންގެ މާރުކޭޓްގައި ހުންނަ ގޯޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ އެެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގޮޅިތަކަށް އެދޭ ފޯމު ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00ގެ ނިޔަލަށް ސިޓީ ކައުންސިލުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އެ މުއްދަތުގައި ފޯމު ބަލައިގަންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 1:00 އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެެވެ. މި ފޯމާއިއެކީ މައުލޫމާތު ގަނޑުވެސް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މަރާމާތަކަށް ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މި މާރުކޭޓް ބަންދުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި އަލުން މަރާމާތުކޮށް ހުޅުވޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ގޮޅިތަކުގެ އަދަދު ކަނޑަނޭޅި އެކަން ވަނީ ދިގުލައިގެން ގޮސްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ އަދަދު އިތުރުކޮށް ގޮޅިތައް ދޫކުރުމާ ގުޅޭ އުސޫލުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

ޝިފާ ވިދާޅުވި، މާރުކޭޓްގެ ގޮޅިތަކުގެ ސައިޒާއި މެދު ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު މިހާރުގެ ވިސްނުން ހުރީ އެތަމުގައި އޮތް ޖާގައިން ގޮޅި ދޫކުރާ ގޮތަށް ކަމަށެވެ.

މަރާމާތަށް ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރުމުގެ ކުރިން އެތަނުގައި ޖުމްލަ 160 ގޮޅި ހުއްޓެވެ. އޭގެ ތެރެއިން 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަމުން އައީ ބިދޭސީންނެވެ. އެތަން މަރާމާތަށް ބަންދުކުރަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ ދަތުރުވެރިންގެ މާރުކޭޓު، މަރާމާތަށް ފަހު ހުޅުވާއިރު ހުންނާނީ ޖާގަބޮޑު 63 ގޮޅި ކަމަށެވެ.