މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ސީޕްލޭން ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

މާފަރު އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއާރޕޯޓް ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ، އެ ކުންފުނީގެ ވިސްނުމަކީ މާފަރު އެއަޕޯޓުގައި ސީޕްލޭން އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ވެލާނާ އެއާޕޯޓުން ދެމުން އަންނަ ހިދުމަތްތައް މާފަރު އެއާޕޯޓުން ލިބޭނެ ގޮތް ހެދުން ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ވިސްނުމަކީ މިތާ ސީޕްލޭން ކަނެކްޝަން ގެނައުން. މިސާލަކަށް މިތަނަށް ޕްރަވެއިޓް ނޫނިއްޔާ އިންޓަނޭޝަނަލް އެއާކްރާފްޓެއް މިތަނަށް އޮޕަރޭޓް ކުރަން ނިންމައިފިއްޔާ އަޅުގަނޑުމެންނަށް މާލޭގެ މި ދޭސާވިސް ތަނުން ޕްރޮވައިޑްކޮށްދޭ ގޮތަށް". ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ، އެ އެއާޕޯޓުގައި ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަ ހުރި ކަމަށާއި، އޭގެ ތެރެއިން ގެންނަން ޖެހޭ ބަައެއް އިންފްރާސްޓްޗްކާ ބަދަލުތައް ގެނައުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ބަދަލުތައް މި މަސް ތެރޭގައި ގެންނާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަދުން ފެށިގެން މާފަރަށް ދުވާލަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދުވާލަކު ހަ ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ، މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ފަށަންވެސް ތައްޔާރުވެފައިވާކަމަށެވެ.

"އިންޓަނޭޝަނަލް ފްލައިޓުތައް މިމަސް ތެރޭގައި ވެސް އެބަހުރި ބައެއް ޕްރައިވެޓް ޗާޓަރު ރިކުއެސްޓްތައް އައިސް. ޕްރައިވެޓް ޖެޓުގެ ވެސް ރިސޯޓްތަކަށް އަންނަ ބޭފުޅުން. އަޅުގަނޑުމެން އެކަންތައްތައް ކުރިއަށްގެންދާނަން. އިންޓަނޭޝަނަލް ބޮޑު ފްލައިޓަކަށް ބަލާކަމުގައިވަންޏާމުން އަދި އަނެއްހެން ވަކި އެއާލައިނަކާއި ވާހަކައެއް ނުދައްކަން. އެކަމަކު ވިސްނުމުގައި އެބަހުރި އަޅުގަނޑުމެންގެ އެއާރބަސް ޗައިނާ އަށް ކުރާ ބައެއް ދަތުރުތައް މި އެއާރޕޯޓަށް ޑައިވާޓް ކުރަން ވެސް،" ރިޒްވީ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު