މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، އޮކްޓޯބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ މަދުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ލިބުނު ގްރީން ޓެކްސްގެ އާމްދަނީ ވަނީ 21 މިލިއަން ރުފިޔާ ދަށްވެފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ސެޕްޓެމްބަރު މަހު ލިބިފައި ވަނީ، 74 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖެހިގެން އައި އޮކްޓޯބަރު މަހު ގްރީން ޓެކްސް އިން ލިބިފައި ވަނީ 53 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސް އަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކު، ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގާ ޓެކްސް އެކެވެ. މިގޮތުން ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ ރިސޯޓުތަކުންނެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ގެސްޓް ހައުސްތަކުން ލިބޭއިރު، ތިންވަނައަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ހޮޓެލްތަކުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުން އެކަނި 19 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެންމެ ކުޑަ އާމްދަނީއެއް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަތޮޅަކަށް މ. އަތޮޅުވެފައިވާއިރު އެ އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައި ވަނީ 1885.9 ރުފިޔާއެވެ.