ރާއްޖެ އިޝްތިހާރު ކުރަން، ތުރުކީގެ މީޑިޔާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށް މި ޓީމް ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ ޓޫރިޒަމް އަމިއްލަ އަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށެވެ. ތުރުކީގެ މި މީޑިޔާ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ތުރުކީ މީޑިޔާ ޓީމުގެ މި ދަތުރުގައި ކުރަމަތި އައިލޭންޑް ރިސޯޓާއި، ކުރުނބާ މޯލްޑިވްސް އަދި މިރިހި އައިލޭންޑް ރިސޯޓުގައި ތިބުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ހަނީމޫން އާއި އިކޯ ޓުއަރިޒަމް އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާތަށް ދައްކުވައިދޭނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފައެވެ.

މި ހިނގާ 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 0.6 އިންސައްތަ ފަތުރުވެރިންނަކީ ތުރުކީގެ ފަތުރުވެރިންނެވެ. އެއީ 1393619 ފަތުރުވެރިންގެ ތެރެއިން 8059 ފަތުރުވެރިންނެވެ.

އެމްއެމްޕީއާރުސީ އިން ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އިޝްތިހާރު ކުރުމަށް ބޭރުގެ މީޑިޔާ ޓީމުތައް ރާއްޖެއަށް ގެނެސްފައެވެ. އެގޮތުން މިއީ އަމިއްލަ އަށް ތަޖުރިބާކޮށް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރްސީން ދައުވަތު ދީގެން ގެނައި 21 ވަނަ ގްރޫޕެވެ.