ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމް، ފިޑިކް ސްޓޭންޑާޑްސް އިން އިންފްރާސްޓްރަކްޗާ ކޮންޓްރެކްސްޓްސްގެ ނަމުގައި ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައެވެ.

މި ވޯކްޝޮޕްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެލައްވަނީ އެމެރިކާ, ނިއުޒިލޭންޑް އަދި ސިންގަޕޫރުގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު އިންޖިނިއަރުންނާއި ލީގަލް ފަންނުގެ ބޭފުޅުންނެވެ. މިބޭފުޅުންނަކީ ފިޑިކްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ކުރިއަށްދާމަޝްރޫއުތައް ކުރިއަށްދަނީ އެންމެ ފުރިހަމައަށްކަން ޔަގީން ކުރަން ބޭނުންވާ ކަމަށާއި އިންފްރާސްޓްރަކްޗާގައި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރުންރާވާފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ބޮޑެތި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ތައްޔާރުވާއިރު ކޮންޓެކްޓަރުންނަށް ހުރި ގެއްލުމާއި ރިސްކު ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަމާޒަކީކޮންސްޓްރަކްޝަން ކޮންޓްރެކްޓުތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަކަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އެޗްޑީސީ އާއިއެމްޓީސީސީ، އެސްޓީއޯ އަދި ޕްލޭނިން މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުން ވަނީ ބައިވެރިވެފައެވެ.

އަންނަ އަހަރުގެ ބަޖެޓް މިހާރު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވާއިރު އަންނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެއީ އަންނަ އަހަރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ރާވާފައި ވާތީއެވެ.