ރާއްޖޭގެ މަޝްހޫރު ވިޔަވާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އުއްމީދުތަކުގެ ވާހަކަ އެތައް ބަޔަކަށް އަޑުއިވިއްޖެއެވެ. ކާށިދޫ އާއި ގާފަރު ގުޅުވާލަދޭ ކޭބަލް ކާރު ޕްރޮޖެކްޓާއި، ކާށިދޫ އެއާޕޯޓް ޕްރޮޖެކްޓަކީ ހަމައެކަނި ހުވަފެނޭކެ އެތައް ބަޔަކު ކިޔަކިޔާ ތިއްބާ މި ޕްރޮޖެކްޓްތައް ފެށުމަށް އިޓަލީގެ ތަޖުރިބާކާރު ކުންފުންޏަކުން މި ވަނީ މި ދެރަށަށް ޒިޔާރަތްކޮށް، ޕްރޮޖެކްޓްތައް އެދެރަށުގައި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އެހެންކަމުން ޖާބިރު ދައްކަވަނީ ހަމައެކަނި ހުވަފެނީ ވާހަކަތަކެއް ނޫންކަން ގިނަ ބަޔަކަށް މިހާރު ކަށަވަރުވާ ވަރުވެސް ވެއްޖެއެވެ.

ކާށިދޫ އާއި ގާފަރުގެ ވާހަކަ ބާއްވާފައި، އއ.އަތޮޅުގެ މަތިވެރީގައި ޖާބިރު ހުޅުވަން އުޅޭ މަތީ ފެންވަރުގެ ގެސްޓް ހައުސްގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. އޭނާ މި ތަނަށް ގެސްޓްހައުސް ނަމުން މުހާތަބު ކުރާކަށް ބޭނުން ނުވެއެވެ. އޭނާ ބޭނުންވަނީ މިއީ ރިސޯޓެއްގެ ނަމުން މުހާތަބު ކުރާށެެވެ.

ޖާބިރުގެ ބީޗް ކްލަބް

ޖާބިރު މި ހޮޓަލް ނުވަތަ ރިސޯޓް ހަދަނީ ކުރިން އެރަށު ކާޒާމިއާ ހިންގި ގެސްޓް ހައުސްގައެވެ. އެ ގެސްޓް ހައުސްއަށް އޭނާ ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. ޖާބިރު ވަނީ އެތަން މިހާރު ގަނެފައެވެ. އަދި މިހާރު ޖާބިރުގެ ރިޗް ކްލަބް ކުންފުންޏަށް ސީދާ ޓުއަރިޒަމް މިނިސްޓްރީންވަނީ އެ ގެސްޓް ހައުސް ހުރި ބިން ދީ އޮޕަރޭޓިންގ ލައިސަންސްއަށް ތައްޔާރުވުމުގެ ކަންކަން ދަނީ ފެށިގެން ކުރިއަށެވެ.

ޖަބިރު ބީޗް ކްލަބް މަރާމާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖާބިރު "ވަަގުތު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، މި ގެސްޓް ހައުސް މަރާމާތުކޮށް، ޖެނުއަރީ އެއް ވަނަ ދުވަހު ހުޅުވޭނީ، ސީދާ 4 ސްޓަރ ފެންވަރަށް މިތަން ތަރައްގީ ކުރުމަށްފަހުގައި ކަމަށެވެ. މިތަނުގެ ފުރަތަމަ ފޭސްއާއެކު ހުޅުވިގެން ދާނީ 40 ކޮޓަރިއާއެކުގައެވެ. އެއީ އެކި ކެޓަގަރީތަކުގެ ކޮޓަރިތަކެވެ.

އެގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ އެތަނުގައި ހުރި ގެސްޓް ރޫމްތައް މަރާމާތު ކުރުމާއި، ބައެއް ރޫމްތައް ހިޔާ ކުރުމުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ. އަދި މިތަނުގައި ޑައިވިންގ ސްކޫލް ގާއިމްކޮށް ސްޕާ އާއި ޖިމް ގާއިމް ކުރުމުގެ ކަންކަންވެސް ކުރިއަށް ދާނެއެވެ.

"4 ސްޓާރ ލެވެލްއެއް އޮންނަ، 4 ސްޓާރ ޕްރައިސްގައި ވިއްކާ މެދުފަންތީގެ ރިސޯޓެއް މި ރިސޯޓަކީ. މިއީ ގެސްޓް ހައުސްއެއް ނޫން. އެކަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" ޖާބިރު ވިދާޅުވިއެވެ.

ޖަބިރު ބީޗް ކްލަބް މަރާމާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ މަސައްކަތުގެ ތެރެއިން މަތިވެރީގެ ގޮނޑުދޮށް ހެދުމަށް، ކައުންސިލުން އެދުނު އެދުމަކަށް އެ މަސައްކަތްވެސް ފެށުމަށް އެދަނީ ތައްޔާރުވަމުންނެވެ.

"އަޅުގަނޑުގެ ހަރަދުގައި މި ރަށުގެ ރައްޔިތުންނަށް ބީޗު ހަދައި މިދެނީ. އެކަަމަށް ބޭނުންވާ ސާމާނުވެސް އަތުވެއްޖެ. އެއީ ޖާބިރު ބީޗް ކްލަބުގެ ޝޯލައިނުން ފެށިގެން 30 މީޓަރަށް އަނެއްކާ ހިއްކަނީ. ޖާބިރު ބީޗް ކްލަބުގެ ދިގުމިނަށް އެ ހިއްކާ ބައި މިއަށް އެޑްވާނެ ކަމަށް މި ބަލަނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވިސްނުން ހުރީ އެ ހިއްކާ ސަރަހައްދުގައިވެސް އިތުރު ކޮޓަރިތަކެއް އަޅައި، ޖުމްލަ ޖާބިރުގެ އެ ބީޗް ކްލަބުގެ ކޮޓަރިތައް 150 އަށް ބަދަލު ކުރުމެވެ. އަދި ބީޗަށް ޖާބިރު ބީޗުގެ ނަމުން އޭނާ ނަންދޭންވެސް ބޭނުން ވެއެވެ. އަދި އެ ބީޗް ހެދުމަށް ހިއްކާ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާ އާއްމުންނަށްވެސް އެ ބީޗް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް އޭނާ ބޭނުންވެއެވެ.

"މިރަށުގެ އެހެން ގެސްޓް ހައުސްތަކަށް ބީޗް ހަދައިދީފައި، މި ބީޗް (ޖާބިރު ބީޗް) ބޮޑު ކުރަނީ" ޖާބިރު ވިދާޅުވިއެވެ.

މަތިވެރި ގޮނޑުދޮށް - ވަގުތު އިމޭޖްސް:އިބްރާހިމް ޝާބިލް

ޖާބިރު ވިދާޅުވީ، ބީޗްގެ ޕްރޮޖެކްޓް ނިންމަައި ބީޗުގައި ކޮޓަރި އެޅުމުގެ ކަންކަންވެސް ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާނީ މި ރިސޯޓް ހުޅުވުމަށް ފަހުއެވެ.

"މިއީ ތަހުޒީބު މީހުން އުޅޭ ރަނގަޅު ރަށެއް. އެހެންވީމަ ޓުއަރިޒަމަށް މިތަނަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ރިޗް ކްލަބުން ވަނީ ނިންމާފައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ މި ބީޗް ކްލަބް ވެގެން ދާނީ، ކްލަބެއްގެ ގޮތަށް ސިފަވާ ޑިސްކޯވެސް އޮންނަ ތަނަކަށެވެ.

ޖާބިރުގެ ބީޗް ކްލަބާއެކު އިތުރު ފެސިލިޓީސްތައްވެސް ރަށަށް

އޭނާގެ ވިސްނުން ހުރީ ހަމައެކަނި އެ ކްލަބް ހެދުމަށްފަހު ދޫކޮށްލާކަށް ނޫނެވެ. ރަށުގެ ރައްޔިތުންނަށާއި، ރަށަށް އަންނަ ގެސްޓުންނަށް ފައިދ ކުރާނެހެން އެތައް ހިދުމަތްތަކެއް ރަށުގައި ގާއިމް ކުރުމުގެ ވިސްނުން އޭނާގެ އެބަ ހުއްޓެވެ.

ޖާބިރު ވިދާޅުވީ، ބީޗް ކްލަބުގެ ފަހަތުގައި އޮތް ބިމުގައި ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެހެން އެހެނިހެން ފެސިލިޓީސް ގާއިމް ކުރުމުގެ ވިސްނުންވެސް އެބަ ހުރި ކަމަށެވެ.

މަތިވެރި ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ރަށެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މިސާލެއްގެ ގޮތުން ޓެނިސް ކޯޓާއި، ޕާކާއި އެއްޗެހި، ކައުންސިލާއި ވާހަކަދައްކައިގެން އެ ބިން ހޯދުމުގެ ކަންކަންވެސް ދަނީ ކުރިއަށް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިރަށަކީ ވާރޭވެހެމުން ފެންބޮޑުވާ ރަށެއްކަމުން ރަށުގެ ބައެއް މަގުތަކުގައި ގާ އެޅުމުގެ ވިސްނުންވެސް އޭނާގެ އެބަހުއްޓެވެ. އެކަންކޮށްދޭނީ އޭނާގެ ރިޗް ކްލަބްގެ ފަރާތުންނެވެ.

ޖާބިރު ވަގުތު އަށް އިންޓަވިއު ދެނީ- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުގެ ގާ އަޅާ ފެކްޓަރީއެއް މިރަށުގައި ގާއިމް ކުރެވޭނެ، އަދި މި ރަށުގައި ޕްރިފެއިޑް ކުރެވޭނެ ފެކްޓްރީއެއް ގާއިމް ކުރެވޭނެ، އަޅުގަނޑު މި ތަންތަން ހަދަން ބޭނުންވަނީ ޕްރިފެއިޑްކޮށްފައި، މިރަށުގައި ހުންނަ އަޅުގަނޑުގެ ވަޑާންގެއިން، ތަންތަން ހިނގަމުންދާއިރު، މަރާމާތު ކުރުމާއި މިކަހަލަ ކަންކަން ކުރާނީ" ޖާބިރު ވިދާޅުވިއެވެ.

މަތިވެރި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން، މިރަށުން ރިސޯޓް ސަޕްލައި ލިބޭނެ ގޮތް ހެދުމާއި، ތެޔޮ ލިބޭނެ ގޮތް ހެދުމަކީވެސް އޭނާގެ ވިސްނުމުގައި ހުރި ކަންކަމެވެ. އަދި މިރަށުގައި ލައުންޑަރީ ސާވިސް ގާއިމް ކުރުމުގެ ވިސްނުންވެސް އޭނާ އެބަހުއްޓެވެ. އެގޮތުން މިރަށުގައި ހިންގާ އެހެން ގެސްޓް ހައުސްތަކުގެ ލައުންޑްރީވެސް އެތަނުން ކުރެވޭނެ ގޮތް ހެދުމަކީ އޭނާގެ ވިސްނުމުގައި ހުރި ކަމެކެވެ. އަދި އާއްމުންނަށް ބޭނުން ކުރެވޭނެހެން ޕޫލެއް އަޅައި، މޫދުގައި ވޯޓާ ޕާކެއް އެޅުމަށް ބޭނުންވާކަމަށް ޖާބިރު ވަނީ ހާމަކޮށްފައެވެ. އެއީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އެންމެންނަށްވެސް އެރެވޭނެ ހެންނެވެ.

ޖާބިރު ވަގުތު އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އެކަންކަންވެސް މި ޕްރޮޖެކްޓުގެ ތެރެއިން އާކިޓެކްޓަރުން އައިސް ޑިޒައިން ކުރަމުން އެ ދަނީ. އެކަންކަން ޕްލޭން ކުރަމުން ލޭންޑް ޔޫސް ޕްލޭނާއި އެއްޗެހި ހަދަމުން ދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޑްރީމް ކްލަބް

މަތިވެރި ފަޅު ތެރޭގައި އޮތް މަތިވެރި ފިނޮޅަކީވެސް ޖާބިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވެފައި އޮތް ތަނެކެވެ. އޭނާގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވެލްސް ޕްރައިވެޓް ކުންފުނިން އެތަން ގަތުމަށް، މިހާރު އެޑްމިނިސްޓްރޭޓިވް އިޖްރާއަތްތައް ދަނީ ކުރިއަށެެވެ. އަދި މިހާރު އެތަނުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ ފަޅަކީ އެހެން ބަޔަކު ކުރިން ގަނެފައި އޮތް ތަނެކެވެ. ނަމަވެސް މިހާރު ޖާބިރުގެ ކުންފުނީގެ ދަށަށް އެތަން ބަދަލު ކުރުމުގެ ފަހުގެ މަރުހަލާތައް ދަނީ ނިމެމުންނެވެ.

ޖާބިރު ޑްރީމް ކްލަބް ހިންގާ ފިނޮޅު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެތަނުގެ މަސައްކަތް ފެށުމަށް، ސަރުކާރުންނާއި އަދި އެ ހަދަން ޖެހޭ އެޑްމިނިސްޓްރޭޓިވް އިޖްރާއަތްތައް ނިމުމަކާއި ކައިރީގައި ހުރީ، ކޮންސްޓްރަކް ޕާމިޓް އާކޮށްލާފައި ހަމަ މަސައްކަތް ފަށައިގަންނަންވީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވިސްނުން ހުރީ އެތަނުގައި 150 ކޮޓަރި އަޅާށެވެ. މިއީ ވަރަށް ސިމްޕަލް ރީތި ޗާލު ރިސޯޓެކެވެ. މި ރިސޯޓުވެސް ފޭސް އައުޓްކޮށްލައިގެން ހުޅުވަން ނިންމާއިރު، މަސައްކަތް ފަށައިގަނެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި އެ ރިސޯޓުގެ ފުރަަތަމަ ފޭސް ހުޅުވިގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއީ 100 ކޮޓަރިއެވެ. މި ތަންތަން ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެއިން ލިބޭ ގިނަ އެއްޗެހި ބޭނުންކޮށްގެންނެވެ.

ޖާބިރު ޑްރީމް ކްލަބް ހިންގާ ފިނޮޅު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖާބިރުގެ ބީޗް ކްލަބާއި، ޑްރީމް ކްލަބަށް ޕްލާސްޓިކް މަނާ!

ޖާބިރު ވިދާޅުވީ، ބީޗް ކްލަބާއި، ޑްރީމް ކްލަބް ޕްރޮޖެކްޓުގައިވެސް ކޮޓަރި އަޅަން ނިންމާފައި ވަނީ ވަރަށް ނެޗުރަލްކޮށް ކަމަށެވެ. އަދި މި ދެ ރިސޯޓަށްވެސް ޕްލާސްޓިކް ވެއްދުން މަނާ ވާނެއެވެ.

"މިތަނުން ފެންވެސް އުފައްދާފައި ބޮޓަލިންވެސް ހަދައިދޭނެ. ޕްލާސްޓިކް މި ހޮޓަލަށް ބޭނުން ނުކުރާ ގޮތަށް، އަޅުގަނޑުގެ އެއްވެސް ކްލަބަކަށް ޕްލާސްޓިކް ބޭނުން ނުކޮށް ވާނެ ގޮތެއް ހަދާނަން" ޖާބިރު ވިދާޅުވިއެވެ.

އަދި މިތަންތަން ތަރައްގީ ކުރަމުން ދާނީ ރާއްޖޭގެ ސަގާފަތާއި ތިމާވެއްޓަށް ބަލައިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މި ކްލަބްތަަކަށް އެންމެންނަށްވެސް "ވެލްކަމް ކިޔާނެ"

ރިސޯޓްތަކާއި، އެހެން ގެސްޓް ހައުސްތަކުގައި އުޅޭ މީހުންނަށްވެސް ޖާބިރުގެ މި ދެ ހޮޓަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި، އޭނާ ހިންގާ ކްލަބްތަކަށް އެންމެންނަށްވެސް ވަދެވޭނެއެވެ. އަދި މި ތަންތަން 24 ގަޑިއިރަށް ހުޅުވިފައި ހުންނާނެއެވެ. އަދި މި ތަންތަނުން ދިވެހިންނަށް ހާއްސަ އަގުތަކަކާއި، ހާއްސަ ފެސިލިޓިސްތައް ހުންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެކި ވައްތަރުވައްތަރުގެ ތެޔޮ ދެމުން އޮންނާނެ، އެކި ވައްތަރުގެ ޖޫސް ލިބޭނެ، އޭގެ ތެރޭގައި އޯގަނިކް އެއްޗެހި. ވަރަށް ރަނގަޅު ކެއުން ލިބޭނެ. ރަނގަޅު ސްޕާ ޖިމްނޭޒިއަމް، ޔޯގާ އޮންނާނެ ދެން އެންޓަޓެއިންމެންޓް އެހާ ބޮޑަށް އޮންނާނެ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ޑްރީމް ކްލަބް ހިންގާ ފިނޮޅު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖާބިރު ވިދާޅުވީ، އޭނާގެ ބީޗް ކްލަބް ހިންގާނީ އިސްލާމް ދީނާއި، ދީނުގެ ސަގާފަތާއި އެއްގޮތަށެވެ. އެގޮތުން އެތަނުން ރާ ފަދަ އެއްޗެހި ލިބެން ނުހުންނާނެއެވެ.

ނަމަވެސް ޑްރީމް ކްލަބުން އެ އެއްޗެހި ލިބެން ހުންނާނެއެވެ.

ރަށުގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބްރާހިމް ޝަރީފް ވިދާޅުވީ، އެރަށު ކައުންސިލާއި، ރަށުގެ ރައްޔިތުންނާއި ޖާބިރާއި ދެމެދު ހުރި ކަންބޮޑުވުންތައް ހައްލުވުމާއެކު ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށެެވެ.

ޝަރީފް ވިދާޅުވީ، އެ ތަރައްގީ ކުރަނީ ވަރަށް ބޮޑު ބިމެއް ކަމަށާއި، އެތަން ތަރައްގީ ކުރުމުގެ ސަބަބުން މަތިވެރި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ފައިދާވާނެ ކަމަށެވެ.

"މަތިވެރި ރައްޔިތުންނަށް ވަޒީފާ ލިބުމާއި، މަތިވެރި ރައްޔިތުންގެ ފިހާރަތަކަށް އޭގެ ފައިދާވުމާއި. މަތިވެރިއަށް ނުލިބޭ އެއްޗެއް އެހެން ފަރާތަކަށް ނުލިބޭނެތާ. ހަމަ ކޮންމެ ގަތަކަށްވިޔަސް". ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ އެރަށުގެ ރަައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެ އުސޫލުގެ މަތިން އަޅުގަނޑުމެން މި ތިބީ އެތަން ނުހުޅުވިގެން ލަސްވެފައި. އަޅުގަނޑުމެން އެތަން ހުޅުވުމަށްޓަކައި ކުރަން ޖެހޭ މުއާމަލާތެއް ކައުންސިލްގެ ފަރާތުން އޮންނާނީ ކޮށްދީފައި" ޝަރީފް ވިދާޅުވިއެވެ.

ޖާބިރުގެ މި ދެ ޕްރޮޖެކްޓް ނިމުމާއެކު ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި އެރަށާއި، ސަރަަހައްދަށްވެސް ފަތުރުވެރިކަމުގެ ރޮގުންނާއި ތަރައްގީގެ ރޮގުން ކުރިއަރަމުންދާނެއެެވެ.

ޖާބިރުގެ ހުރިހާ ރިސޯޓްތަކާއި، ހޮޓާތައް ދެން ހިންގާނީ ކްލަބްގެ ނަންނަމުގައެވެ. އޭނާގެ ވިސްނުން ހުރީ އެކި އަތޮޅުތަކުގައި ހުރި އޭނާގެ ރިސޯޓްތައް ރަނގަޅު ފެންވަރަކަށް ހަދާ، އެ ތަންތަން ހުޅުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޙުސައިން މ. މުލި

  ޖާބިރު މިއަންނަ ދައުރު ދިއްގަރު ދާއިރާ އަށް ކުރިމަތިލާބަ

  20
  2
 2. މިއަދު

  ކާށިދުއާއި ގާފަރުގުޅުވާލަދޭ ކޭބަލްކާރުގެ ވާހަކައަކީ ބަޔަކަށް ޚިޔާލީވަހަކައަކަށްނުވިއަސް އެދާއިރާގެ ހުރިހާރަޢިއްޔަތުންނަށްވެސް އެއީ ހަމަޙިޔާލީވާހަކައެއް ޖާބިރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރުވެސް އެދެރަށް އޮންނާނީ ހަމައެއޮތް ގޮތަށް ޖާބިރުކޮށްދޭނެއެއްކަމެއްވެސް ނޯންނާނެކަން އެދެރަށުގެ ރަޢިއްޔަތުންޤަބޫލުކުރޭ

  28
  1
 3. އަހުމަދު

  ޖާބިރު މިއަންނަ ދައުރަށް އއ.މަތިވެރި ދާއިރާއަށް ކުރިމަތިލައްވާ، މިހާރު އއ.މަތިވެރި ދާއިރާގައި އެހުރީ ހަމަ ބޮލެއް، އެއްވެސް ވާނުވާއެއް ނޭގޭ ތާގައި ކިޔަވާގެން ހުރި މީހެއްވެސް ނޫން.

  28
  2
  • .....

   އެހެންވެގެންތަ ހިމަންދޫގައި އެހާ ގިނާ މަޝްރޫއު އެއްފަހަރާ ކުރިޔަށްދަނީ..މިހާރު ބަނދަރުވެސް އެއޮތްގެން ނިމެނީ..މަތިވެރި ދާއިރާގަ ހުރީ ހަމަ ބޮލެއް ދެއްތޯ!!!

 4. އަހުމަދު

  މީވެސް ހުވަފެނެއް ނޫން ހަގީގަތް ރޭފަތިހު ބަނޑާރަމިސްކިތުގާ ނަމާދައް އައްޒަޔްތެރިމެންބަރު ހުންނެވީނަމާދު ނިމުނުއިރުވެސް ދެއަތް ފުރަގަހައް ލައިގެން

  16
  • އަހްމަދު

   ފަތިސް ނަމާދުނިމިގެން ބަލާލިއިރު ބޫޓެއް ނެތޯ. ބޫޓް ވަގަށް ގެންގޮސްފިޔޯ. މިވާހަކަ މަޖިލީހުގައި ދައްކާނަމޭބުނި. ހުންނެވީ މުޅިން ހަމައިގާ ހެނެއް ހިޔެއްނުވޭ. ވަރަށް އަނގަގަދަކޮށްހުރީ. ނަމާދު ނިމިގެން ސަލާމްދިނުމާއެކު ތެދުވެ އަތްއުފުލާފާ ފުރަނިއޭ ބާރު އަޑުން ގޮވަމުން މިސްކިތުންފޭބީ.

 5. ސަޅިބެ

  ހެހެހެ...! ދެން މަމެން ދެފައި ދަމާލާފަ ނިދަން ތިބޭނީ. ހުވާ މިއޮތީވާ ކަމެއް. ހާދަ ސަޅިބައިސާ ވަސް ގަދއޭ!

  13
  1
 6. Anonymous

  ތިހާކުރިޔަށް ވިސްނާއިރު މަރު އޮތީ ކިހާހިސާބަކުބާ؟

 7. އައްފާރު

  2020 ވެސް ނިމިގެންދާނެ..ޖާބިރު ރައްޔިތުން ގުނބޯހައްދަނީ...ކޭބަލް ކާާރެއްވެސްނޭޅޭނެ.....

 8. ކުޑަބަޖަރާ

  ކެސިނޯ ހަދަންވާނެ. އޭރުން ތިތަން ސަޅިވާނީ.

 9. ނާބެ

  ހިތާމަހުރި މަތިވެރީގެ ބަޔަކު ރުފިޔާފާސައިގެ އަވާގަ ޖެހިގެން މުޅިރަށް ހަލާކުކޮށް ނިންމާފި. ކުރެވޭނެކަމެއްނެތް ކައުންސިލަރުންވެސްއޮތީ ގަނެލާފަ.

  4
  1
 10. ނަރެލް

  ޖާބިރު އަކީ ހީރޯއެކޭ

  4
  2