ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖު ބެހި ދެ ރިސޯޓަކަށް ނ އަތޮޅުގައި ހިންގަމުން އަންނަ ދެ ރިސޯޓު، ޝެވަލް ބްލަންކް ރަންދެލި ރިސޯޓާއި، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ހިމެނިއްޖެއެވެ.

މި ދެ ރިސޯޓަކީ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖުގެ ގޮތުގައި ބެހި ދެ ރިސޯޓުކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރު ބަދަލުވެފައިވަނީ މި ރޭހުގައި، ދެ ރިސޯޓު އޮތް މަގާމް އެކަންޏެވެ. އޮކްޓޯބަރު މަހުގައި ސާވިސް ޗާޖު ރޭހުގައި އެއްވަނައިގައި އޮތުމަށްފަހު ޗެވަލް ބްލެންކް ރަންދެލިން މިދިޔަ މަހު ވަނީ ރޭހުގެ ދެވަނައަށް ވެއްޓިފައެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު 1146 ޑޮލަރު (17671 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހާފައެވެ.

ނޮވެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1329 ޑޮލަރު (20،498 ރުފިޔާ) ބަހާފައިވެއެވެ. މި ދެ ރިސޯޓަކީ ފާއިތުވެދިޔަ 8 މަހުގެ ތެރޭގައިވެސް އެވްރެޖްކޮށް އެންމެ ސާވިސްޗާޖް މަތި ދެ ރިސޯޓެވެ.

މި މަޢުލޫމާތުތައް ޙިއްސާކޮށްލަނީ ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސްޗާޖުގެ މަޢުލޫމާތު، މަހުން މަހަށް އެއްކޮށްފައި، ހާމަކުރާ ދިވެހި ވެބްސައިޓެއް ކަމަށްވާ 'މޯލްޑިވްސް ސާވިސް ޗާޖް' ވެބްސައިޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށްފައެވެ. ރިސޯޓު ތަކުގެ ސާވިސްޗާޖްގެ މަޢުލޫމާތު އެ ވެބްސައިޓަށް ފޮނުވަމުންދަނީ ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރާ 148 ވަރަކަށް ރިސޯޓު އޮންނައިރު، ނިމިދިޔަ މަހުގެ ސާވިސްޗާޖްގެ މަޢުލޫމާތު މިހާތަނަށް ލިބިފައިވަނީ 65 ރިސޯޓަކުންނެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ ސާވިސްޗާޖްގެ ގޮތުގައި މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 922 ޑޮލަރު ދީފައިވާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ.

މީގެ އިތުރުން އަނަންތާރާ ކިހާވައް ވިލާސް (817 ޑޮލަރު)، ސެއިންޓް ރެޖިސް ވޮއްމުލި (789 ޑޮލަރު)، ޖުމެއިރާ ވިޓާވެލި (780 ޑޮލަރު)، ލަކްސް ނޯތް މާލެ އެޓޯލް (731 ޑޮލަރު)، އިތާފުށި ރިސޯޓް (725 ޑޮލަރު)، އަނަންތާރާ ދިގު (718 ޑޮލަރު)، އަދި ޑުސިޓް ތާނި (710 ޑޮލަރު) ރިސޯޓުންވެސް މިދިޔަ މަހު ވަނީ މުވައްޒަފުންނަށް 700 ޑޮލަރަށްވުރެ މަތިން ސާވިސްޗާޖްގެ ގޮތުގައި ދީފައެވެ.

މިހާތަނަށް ސާވިސްޗާޖުގެ މަޢުލޫމާތު ލިބިފައިވާ ރިސޯޓުތަކަށް ބަލާއިރު، 450 ޑޮލަރަށްވުރެ މަތިން، ރާއްޖޭގެ 45 ރިސޯޓަކުން އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސްޗާޖް ލިބިފައިވެއެވެ. 550 ޑޮލަރަށްވުރެ މަތިން، ރާއްޖޭގެ 25 ރިސޯޓަކުން އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސްޗާޖް ދީފައިވާކަންވެސް ފާހަަކޮށްލަން ޖެހެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ގެ ގޮތުގައި، ޒަމާނުއްސުރެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށް އުޅެނީ އޮކްޓޯބަރުން ފެށިގެން ފެބްރުއަރީގެ ނިޔަލަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮންމެ އަހަރެއްގެވެސް އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ބޮޑު ސާވިސްޗާޖެއް ގިނަ ރިސޯޓުތަކުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ތިއިން އެއްމެ ފަަހަރަކުވެސް މަސްހޫރު (ބަންޑޮސްއައިލެންޑް ރިސޯޓް) ނުހިމެނޭކަން ފާހަގަކޮއް ހިތާމަކުރަން. ކިހިނަކުންބާ ދެން މިވަރުން މިނިވަން ވޭޖް ކަނޑައަލާނީ؟

    19
  2. ގައްބެ

    ޓުއަަަަަރިޒަމް މިނިސްޓުރީން ރިޒޯޓުތަކުގެ ސައުވިސް ޗާޖުބަހާގޮތް ނުބަލާތީ ރިޒޯތުތަކުގަ މަސްކަތްކުރާ ސްޓާފެއްގެ ހައިސިއްޔަތުން ހިތާމަކުރަން އަދި ތޫރިޒަމް މިނިސްޓަރު އަލީވަހީދައް ގޮވާލަން މިކަންކަން ބައްލަވާ ދެއްވުމައް