ޖާހް ސިޓީ ސެންޓަރު (ޖޭސީސީ) ގެ ނަމުގައި ހުޅުމާލޭގައި ޖޭސީސީގެ އާ ޝޯރޫމް މިރޭ ހުޅުވައިފިއެވެ.

މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝޯރޫމް ހުޅުވައިދެއްވީ ޖޭސީސީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ފައުންޑަރ، ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އާއި މިރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު، އަލީ ނިޔާޒް އެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ޝޯރޫމުން ޓައިލްސް އާއި ސެނިޓަރީވެއާގެ އިތުރުން ކުލަ އާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ރަގް އާއި، ޕްލާންޓްސްގެ އިތުރުން ވޯލްޕޭޕަރުތައް ފަދަ އެތައް ސާމާނެއް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހަފެލެ" ބްރޭންޑުގެ ބަދިގެ ސާމާނާއި، އެކި ވައްތަރުގެ ލައިޓުވެސް މި އައުޓްލެޓުން ކަސްޓަމަރުންނަށް ލިބިގެން ހުންނާނެއެވެ.

ޖޭސީސީ އިން މަޢުލޫމާތު ދޭގޮތުގައި ހުޅުމާލޭގައި ޝޯރޫމެއް ހުޅުވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސިޓީގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފަސޭހައިން ޖޭސީސީގެ ޕްރޮޑަކްޓުތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތައް ދަނީ ދުވަހެއް ދުވަހަކުން އިތުރު ވަމުން. ހުޅުމާލޭގެ ރައްޔިތުންވެސް ބޭނުންވޭ އެބޭފުޅުންގެ ޢިމާރާތްތައްވެސް ގިނަ ދުވަސްވަންދެން ދެމިހުންނާނެ ގޮތަކަށް އެންމެ ރަނގަޅު ކޮލިޓީގެ ޕްރޮޑަކްޓުތައް ބޭނުންކޮށްގެން ހަދަން. އެ ރައްޔިތުންގެ އެދުމުގެ މަތިން، ވީހާވެސް ހުޅުމާލޭގެ ކަސްޓަމަރުންނާއި ކައިރިން ޙިދުމަތް ދިނުމުގެ މަޤްސަދުގައި އަޅުގަނޑުމެން ޝޯރޫމެއް ހުޅުވަން ނިންމީ،" ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭސީސީގެ ފައުންޑަރ، ޖައުފަރު ވިދާޅުވިއެވެ.

ޖޭސީސީގެ ޝޯވ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައުސާ ޖައުފަރު ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖޭސީސީގެ ޝޯވ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައުސާ ޖައުފަރު ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނު، ނިޔާޒު ދެއްކެވި ވާހަކަފުޅުގައި ހުޅުމާލޭގައި ބޮޑެތި ކުންފުނިތަކުގެ ޝޯރޫމްތަކާއި، ބްރާންޗްތައް ހުޅުވިގެން ދާތަން ފެނުމަކީ އެ ސިޓީގެ ކުރިއެރުމަށާއި، ރައްޔިތުންގެ އުއްމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، މިރޭ ޖޭސީސީ އިން އެ ސިޓީގައި ޝޯރޫމެއް ހުޅުވި ކަމަށްޓަކައި، އެ ކުންފުނީގެ ފައުންޑަރަށާއި، ހިންގުންތެރިންނަށް އޭނާގެ އަމިއްލަ ނަމުގައާއި، ހުޅުމާލޭ ރައްޔިތުންގެ ނަމުގައިވެސް ޝުކުރު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ސިޔާސަތެއް. ވިޔަފާރިތަކަކީ ވިޔަފާރިވެރިންގެ އަތް މައްޗަށް ދޫކޮށްލާފައިވާ އޮވެ، ސަރުކާރަކީ ހަމައެކަނި ވިޔަފާރިތައް ރެގިއުލޭޓް ކުރާ ބަޔަކަށް ވާންޖެހޭ. ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން މި ހަދާ ޤާނޫނުތަކަކީވެސް އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓުކޮށް، ވިޔަފާރިކުރުމުގެ ފުރުސަތު ފަހި ކުރެވޭނެ ޤާނޫނުތަކަކަށް ހެދޭތޯ އަޅުގަނޑުމެން ބަލާނީ. އިރާދަކުރެއްވިއްޔާ ވިޔަފާރިވެރިންނަށް ފަހި، ފާގަތި ދުވަސްތަކެއް ގެނެސްދޭނަން." މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވިއެވެ.

ޖޭސީސީގެ ޝޯވ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި މެންބަރު ނިޔާޒް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖޭސީސީގެ ޝޯވ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި މެންބަރު ނިޔާޒް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖޭސީސީގެ ހުޅުމާލޭ ޝޯރޫމްގައިވެސް މާލެ ޝޯރޫމް އާ އެއްގޮތަށް މިމަހުގެ 31 ގެ ނިޔަލަށް "ހޭވައްލާ 2020" ގެ ނަމުގައި އަހަރު ނިމުމުގެ ގޮތުން ކަސްޓަމަރުންނަށް ވަނީ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ހުޅުވާލާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ޖޭސީސީ އިން ގަންނަ އެއްޗެހިން 75 އިންސައްތަ އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، 'ސްޕެންޑް އެންޑް ވިން' ގެ ދަށުން ވިޔަފާރި ކޮށްގެން ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތަކެއް ޖޭސީސީ އިން ކަސްޓަމަރުންނަށް ދޫކުރާކަން ވެސް ފާހަގަކޮށްލެވެއެވެ.

ޖޭސީސީގެ ބްރޭންޑުތަކުގެ ތެރޭގައި ލަންކާ ޓައިލްސް، ސެރް އޭޝިއާ، ނިޓްކޯ، އެމެރިކަން ސްޓޭންޑާޑް، ކޮކޯ، ވާޑޯ، ހަފީލް، ޕަމޮގްލޭޒް، ސޭޔާލެކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑުތަކެއް ހިމެނެއެވެ. އެ ކުންފުނީގެ މާލޭ ޝޯރޫމް ހުންނަނީ ސޯސަންމަގު، އިބްރާހީމް މިސްކިތް ކުރިމަތީގައެވެ. މިރޭ ހުޅުވި ޖޭސީސީގެ ހުޅުމާލޭ ޝޯރޫމް ހުންނަނީ ދުވާ ޓްރެކް ކުރިމަތިން، ލިންޗްޕިން ފިހާރަޔާ ޖެހިގެންނެވެ.