ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކިކަންކޮޅުތަކަށް އިސްތިހާރުކޮށް، ކުރިއެރުމަށްޓަކައި ޖަރުމަނުގެ ނޫސްވެރިންގެ ޓީމެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގެނެސްފިއެވެ.

ރާއްޖޭގެ ޓުވަރިޒަމްއާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ ފަތުރުވެރިކަމުގެ ސިނާޔަތުގެ ފުރިހަމަކަން ދުނިޔޭގެ އެހެން ގައުމުތަކަށް އިސްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އަންނަނީ އެކި ގައުމުތަކުގެ ނޫސްވެރިން ރާއްޖެއަށް ގެންނަމުންނެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓު ކަމަށްވާ ޖަރުމަނު ވިލާތުގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ ފެއާތަކެއްގައި ބައިވެރިވެ އެވެ.

ރާއްޖެ އައި ޖަރުމަން ނޫސްވެރިންގެ ދަތުރުގެ ތީމްއަކަށް ހަމަޖެއްސާފައިވަނީ "ޑިސްކަވާ އަ ބްރޭންޑް ނިއު އެކްސްޕީރިއަންސް" އެވެ.

އެމްއެމްޕީއާރުސީއިން މައުލޫމާތު ދޭގޮތުގައި މިއީ ޖަރުމަނުން ރާއްޖެ ގެނެވޭ ތިން ވަނަ ނޫސްވެރިންގެ ޓީމެވެ. މިޓީމުގައި މިފަހަރު ޖަރުމަނުގެ ނޫސްތަކަށް ނިސްބަތްވާ ނޫސްވެރިންގެ އިތުރުން އޮސްޓްރިއާ އާއި ސްވިޒަލޭންޑްގެ މީހުންވެސް ހިމެނިގެންދާނެއެވެ.

މި ޓީމުން ތިބެން ހަމަޖެހިފައިވަނީ މި އަހަރު އަލަށް ހުޅުވި ރިސޯޓުތައް ކަމަށްވާ ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް އާއި ރެސިޑެންސް މޯލްޑިވްސް ދިގުރަށް އަދި ފުލްމަން މާމުޓާގަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިދަތުރުގެ ބައިވެރިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާނޭ ކަމަށެވެ. މީގެ ތެރޭގައި ރެސްޓޯރެންޓުގެ ރަހަތައް ތަޖުރިބާ ކުރުމާއި ޑޮލްފިން ކްރޫޒް އަދި ހާއްސަ ސްޕާ ޓްރީޓްމަންޓްތައް ތަޖުރިބާ ކުރަން ފުރުސަތު ދިނުން ހިމެނޭ ކަމަށް ފާހަގަކޮށްލާފައިވެއެވެ.

މި ދަތުރުތަކުގެ ބޭނުމަކީ ނޫސްވެރިންނަށް ފަތުރުވެރިކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ދިނުމެވެ. އަދި އެ ގައުމުތަކުގެ ނޫސްމަޖައްލާތަކުގައި މި ވާހަކަތައް ޝާއިރުކުރުވުން ކަމުގައިވެސް އެމްއެމްޕީއާރުސީއިން ބުނެފައިވެއެވެ.