ރިސޯޓްތަކުގެ ކޮޓަރީގެ އަގު އެވްރެޖްކޮށް އެންމެ ބޮޑު ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އާއި ބެހޭގޮތުން އަހުލުވެރިކުރުވުމަށް މިއަދު ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުވެރިކަމުގެ މައްޗަށް ކަމަށެވެ.

އަދި މިހާރު ރާއްޖޭގައި ހުރީ 26،000 ޓުއަރިސްޓް އެނދު ކަމަށާއިި މިއަދަދަކީ ރާއްޖޭގެ ޓްއަރިޒަމް ކުރިއަރާފައިވާ މިންވަރާ ބަލާ ކުޑަ އަދަދެއް ކަމަށެވެ. ނަމަވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރިސޯޓުތަކުގެ ކޮޓަރީގެ އަގު އެންމެ ބޮޑު ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

" ރާއްޖޭގައި މިވަގުތު ހުރީ 26،000 ޓްއަރިސްޓް އެނދު. މިއަދަދަކީ ހަޤީގަތުގައި ވަރަށް ކުޑަ އަދަދެެއް. ނަމަވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރިސޯޓުތަކުގެ ކޮޓަރީގެ އަގު އެންމެ ބޮޑު ފަސް ގައުމު ދުނިޔެއިން ނެގިޔަސް އެގައުމުތަކުގެ ތެރޭގައި ރާއެްޖެ ހިމެނޭނެ. އެއީ ރާއްޖެގެ ކޮޓަރިތަކުގައި ދުނިޔޭގެ އެހެން ބަޔަކަށް ނަކަލު ނުކުރެވޭނެ ފަދަ ޒީނަތްތެރިކަން ހުރީމަ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން އެންމެ ބޮޑަށް ބޭނުންފުޅުވާ އެއްކަމަކި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކަމުގައި ފާހަގަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ 26،000 އެނދުން 50،000 އެނދަށް ބަދަލު ކުރެވޭނެ ފޯމިއުލާއެއް އެބައޮތް ކަމަށެވެ.

އަދި އެކަން ކުރެވޭނީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވިގެން ކަމަށާއި ރާއްޖޭގެ ރިސޯޓްތަކުގެ 90 އިންސައްތަ ހުރީ މާލެ ހިިމެނޭ ސަރަހައްދުގައި ކަމަށާއި ރާއްޖެއިން ޓްއަރިޒަމް ފައްޓަނީވެސް 90 އިންސައްތަ ސްކޯކޮށްފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޗައިނާ އަކީ އެންމެ ބާރުގަދަ އިޤްތިސާދު އޮތް ގައުމުކަން ފާހަގަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ 2020 ވަނަ އަހަރުގައި ޗައިނާ ވެގެންދާނީ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވާ އަދި ބޭރުވާ ގައުމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި އެންމެ ބޮޑު ކޮންސިއުމާ ބްލޮކަކަށްވާނީ އެފްރިކާ ބައްރު ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.