ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފަން ދުވަހު ހުޅުވައިދެއްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި ވިޒިޓާސް ސެންޓަރުގެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށް އެރަށުގެ ކައުންސިލް މެންބަރު މުހައްމަދު ޝާހީން ވިދާޅުވެއްޖެއެވެ.

ޝާހީން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިޒިޓާސް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ނިންމާފައި ވަނީ މިމަހުގެ މެދު ތެރޭގައި ކަމަށާއި އެހެން ނަމަވެސް އަދިވެސް އެ ސެންޓަރަށް ބޭނުންވާ އެއްވެސް އެއްޗެއް ރަށަށް ނުގެންނަ ކަމަށެވެ.

ރައީސް ނަޝީދުގެ އުފަން ދުވަހަކީ މިއަންނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހެވެ. މީގެ ކުރިން ވިޒިޓާސް ސެންޓަރު އިމާރާތް ކުރުމަށް ނިންމާފައިވާ ގޮތް ކަމަށް ބުނެ މިނިސްޓަރ އަލީ ވަހީދު ހާމަކޮށްފައިވާ ޑިޒައިނާ އަޅާ ބަލާއިރު ދެން މަސައްކަތް ކުރުމަށް ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ.

މި ސެންޓަރުގެ ބިންގާ އަޅައިފައި ވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ޓުއަރިސްޓު ވިޒިޓާސް ސެންޓަރަކީ 2 ގެލެރީއަކާއި ކެފޭއަކާއި، ލައުންޖެއްގެ އިތުރުން 2 ފާހާނައެއް ހިމެނޭހެން ގާއިމްކުރާ ސެންޓަރެކެވެ. މި ސެންޓަރުގެ ގެލެރީ ތަކުން ފެނިގެންދާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވަނީ ރާއްޖެ ޑިމަކްރަސީއަށް ކުރި ދަތުރެވެ. އަދި ރައީސް ނަޝީދުގެ އުފަންދުވަހު މިތަން ހުޅުވުމަށްވެސް ނިންމާފައި ވަނީ އެހެންވެގެންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރާއްޖެ ޑިމަކްރަސީއަށް ކުރި ދަތުރުގައި އެންމެ ވަރުގަދަ އަދި މުހިންމު ރޯލެއް ކުޅެފައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި ތިން އަހަރުގެ "މަދު ދުވަސްކޮޅު"ގެ ތެރޭގައެވެ.

ޓުއަރިސްޓު ވިޒިޓް ސެންޓަރުގެ ޕްރޮޖެކްޓު ހިންގުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިސްޓު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއެވެ. މި ސެންޓަރ ނިންމައި މިއަންނަ އަހަރު ރައީސް ނަޝީދުގެ އުފަންދުވަހު (މޭ 17) ވަނަ ދުވަހު ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މި ސެންޓަރު ހިންގުމަށް ނިންމާފައި ވަނީ އަނގޮޅަތީމުގައި ކެފޭއެއް ހިންގައިގެން އެ ކެފޭއިންއިން ލިބޭ ފައިސާއިންނެވެ.