ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ފަސް ވަނަ މީހާގެ މަގާމް، ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަށް ލިބިއްޖެ އެވެ.

އެ ލިސްޓުގެ ފަސް ވަނައަށް އޭނާ އަރާފައި ވަނީ އޭނާގެ މިލްކިއްޔާތަށް މިއަހަރު ތެރޭ ލިބުނު 27.3 ބިލިއަން ޑޮލަރާއެކު މުޅި ޖުމްލަ މިލިްކިއްޔާތުގެ އަދަދު 79.4 ބިލިއަން ޑޮލަރަށް އެރުމުންނެވެ.

އޭނާއަށް އެ މަގާމު ލިބިފައި މިވަނީ ފޭސްބުކް މާކެޓިންއާ ގުޅޭ ގޮތުން އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އޭނާ ވަނީ ހައުސް އޮފް ފައިނޭންޝަލް ސަރވިސަސް އަށް ހާޒިރުކޮށްފައެވެ. އެ ތަނަށް އޭނާ ހާޒިރު ކުރީ ވަޓްސްއެޕްއާއި އިންސްޓަގްރާމް އަދި ފޭސްބުކްގެ ވެރިއަކީ އޭނާ ކަމާ މެދު ޝައްކު ކުރެވޭ ކަމަށް ބުނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ފަސް ވަނައަށް މާކް ޒަކަބާކް އަރާފައިވާއިރު އެ ލިސްޓުގެ އެންމެ މަތީގައި އުޅެނީ އެމެޒަން ގެ ފައުންޑަރ ޖެފް ބެޒޮސް އެވެ. އޭނާގެ މިލްކިއްޔާތު ވަނީ މި އަހަރު ތެރޭ 9 ބިލިއަން ޑޮލަރުން މަދުވެފައެވެ. ނަމަވެސް ޖުމްލަ 116 ބިލިއަން ޑޮލަރާއެކު އޭނާ ވަނީ ލިސްޓުގެ އެއްވަނަ އިން ޖާގަ ހޯދާފައެވެ.

އެ ލިސްޓުގެ ފުރަތަމަ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޖެފް ބެޒޮސް އާއި މާކް ޒަކަބާގް ގެ އިތުރުން މައިކްރޯސޮފްޓުގެ ވެރިޔާ ބިލް ގޭޓްސް އާއި އެލްވީއެމްއެޗްގެ ވެރިޔާ ބަރްނާޑް އާނޯލްޓް އަދި ވޮރެން ބުފޭ އެވެ.

ބިލް ގޭޓްސްގެ މިލްކިއްޔާތު މިއަހަރު ތެރޭ ވަނީ 23.1 ބިލިއަން ޑޮލަރު އިތުރުވެ، 113 ބިލިއަން ޑޮލަރަށް އަރާފައެވެ. އެލްވީއެމްއެޗްގެ ވެރިޔާ ބަރްނާޑް އާނޯލްޓްގެ މިލްކިއްޔާތަކީ 106 ބިލިއަން ޑޮލަރު ކަމަށްވާއިރު ބަރްނާޑް އާނޯލްޓްގެ މިލްކިއްޔާތު ވަނީ 89.1 ބިލިއަން ޑޮލަރަށް އަރާފައެވެ.