މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީންނާއި އެމްއެމްޕީއާރުސީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރުމުގެ ޝަރަފު ލިބުނީ ބަހްރެއިންގެ ފަތުރުވެރިޔަކަށެވެ. ބަހްރެއިންގެ މުހައްމަދު ޖާސިމް އާއި އޭނާގެ އަނބިމީހާ ސާރާ ހިޝާމް އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑީރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ.

މިއީ މުޙައްމަދު ޖާސިމް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާގެ ޝަރަފް ލިބުމުން އެ ދެމަފިރިންނަށް ވަނީ ފުރަވެރި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓޫރިސްޓް ސިމް ކާޑަކާއި ގިފްޓް ޕެކެއް ދީފައެވެ. އަދި އެމްއެމްޕީއާރުސީން ވަނީ ހަނދާނީ ފިލައަކާއި ޚާއްސަ ހަދިޔާއެއް ދީފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުހައްމަދު ވިދާޅުވީ އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް އެކުންފުނިން މަރުޙަބާ ކިޔަނީ މިއަހަރު ވެސް ފަތުރުވެރިކަމުގައި ގިނަ ކާމިޔާބީތައް ހޯދުމުގެ އުއްމީދުގައިކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިއްމު މާކެޓެއް ބަޙްރެއިންއަކީ. ފަތުރުވެރިން އަންނަ މިންވަރު މަދުވިޔަސް އޭބޭފުޅުން ކުރާ ޚަރަދުތައް ވަރަށް ބޮޑުވާނެ. މި ދެންނެވީ ރަނގަޅު ޔީލްޑެއް ނެރެވޭ މާކެޓެކޭ. މި މަހު ވޯގް އެރޭބިއާއާއި އެއްކޮށް ސަޕްލިމެންޓެއް އަޅުގަނޑުމެން އިޝޫކުރާނެ. އެހިސާބުން މިޑްލް އީސްޓްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފެށުނީ." ޡޮއްޔިބު ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާ ފާހަގަކޮށް އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޙަރަކާތްތައް ކުރިއަށްގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތައްޔިބު

    އެމްއެމްޕީއާރުސީގެ ތޮއްޔިބަކީ ބޮޑުސިންގާ ދޮގުވެރިއެއް މިމީހާއަކީ ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެ މީހެއް. މީނާ ލައިވްޓީވީގައި ޕީއެސް އެމްގައި 2 އަހަރުވެފައިވާ ޕޮރޮކިއުމަންޓް ޕޮލިސީއެއް ވަނިކޮށް ޕޮލިސީއެއް ނޯންނަކަމަށް ބުނެ މުޅިޤައުމަށް އޮޅުވާލި.

  2. ފަތުރުވެރިން އަތުން!

    އެކަށީގެވާ ގަދަރެއް!