ނިމި ދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސްއިން ދައުލަތަށް ލިބިގެން ދިޔަ އާންމުދަނީ ކުރީ އަހަރުތަކަށް ވުރެ އިތުރުވެއްޖެ ކަމަށް ޓެކްސްއާއި ބެހޭ އިދާރާ ކަމުގައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ނިމި ދިޔަ އަހަރު ދައުލަތަށް ވަނީ ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 613 މިލިއަން ރުފިޔާ ލިބިފައެވެ. 2018 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މިއީ 49 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސް އިން ދައުލަތަށް ލިބެފައިވަނީ 564 މިލިއަން ރުފިޔާ އެވެ.

ބޭންކް ޕްރޮފިޓް ޓެކްސް އިތުރުވެފައިވާއިރު ސަރުކާރުން ފުރަތަމަ އަހަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ވަނީ ކުންފުނިތަކަށް އެވޯޑުކޮށްފަ އެވެ. އޭގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ދަނީ ފަށަމުންނެވެ.

މި ޓެކްސް އިތުރުވެފައި މި ވަނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ވާން ފެށުމުންނެވެ. އަހަރުގެ ފެށުންކޮޅު ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދު މަދުކަމުގައި ފާހަގަކޮލެވުނު ނަމަވެސް އަހަރުގެ ފަހުކޮޅު އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ލޯނުގެ އަދަދު އިތުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި މިހާރު 7 ބޭންކްއެއްގެ ހިދުމަތް އަންނަނީ ދެވެމުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)، އިސްލާމިކް ބޭންކް، ބެންކް އޮފް ސިލޯން، ހަބީބް ބޭންކް، މޮރިޝަސް ބޭންކް އަދި ސްޓޭޓް ބޭން އޮފް އިންޑިއާ އެވެ.