ދިވެހިރާާއްޖޭގައި ނޫފެއްދޭނެ ހަމުގެ ޕްެރޮޑަކްޓެއް ނުހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ޝައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް އަހުލުވެރިކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ބައްދަލުވުން ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ޝައީދު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަށް ނުހަނު ގިނައިން ލިބިފައިވާ ގައުމެއް ކަމަށެވެ. އަދި އެ ވަސީލަތްތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ހިފައިފިނަމަ ދިވެހިރާއްޖޭގެ އިޤްތިސާތު އެތަކެއް ގޮތަކުން ކުރިއަރާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ބޮޑު އިންސައްތައެއް ކަނޑު ހިއްސާކުރާއިރު އެ ކަނޑުތަކުގެ ބޭނުން އިޤްތިސާދީ ގޮތުން ހިފިދާނެ ގޮތްތަކަށް އަލިއަޅުވާލަމުން މިނިސްޓަރ ސައީދު ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކަނޑުގެ ލޮނުން ހަމުގެ ޕްރޮޑަކްޓްތަށް އުފައްދާ ކަމަށާއި އެތަކެތިން ބޮޑު އާމްދަނީ އެއް އެގައުމުތަކުން ހޯދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަށް ބޭނުންކޮށްގެންވެސް ހަމުގެ ޕްރޮޑަކްޓްތަށް އުފެއްދިދާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ ދިވެހިން ދާތަނެއް ސިންގަޕޫރު އެއީ. އެތަނުގައި ހުންނަ ތަނަކުން ވިއްކާ ކަނޑުގެ ލޮނު ބޭނުން ކޮށްގެން އުފައްދާފައި ހުންނަ ހަމުގެ ޕްރޮޑަކްޓްސް. އެތަކެތި އުފައްދާފައިވަނީ ނިޔު ޔޯކްއިން. އެތަކެތި ގަތުމަށް އެތާނގައި ކިއު ހަދާފައި މީހުން އޮވޭ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ކަނޑުތަކުގެ ބޭނުން ހިފައި އެ ފަދަ ޕްރޮޑަކްޓްތަށް އުފެއްދިދާނެއޭ. ހަމަ ޔަޤީނުންވެސް ރާއްޖޭގެ ކަނޑުތަށް މާ ސާފުވާނެ ނިޔު ޔޯކްގެ ކަނޑުތަކަށް ވުރެއް. އެހެންކަމުން ރާއްޖޭގައި ނުއުފެއްދޭ ހަމުގެ ޕްރޮޑަކްޓެއް ވަކި އެހެން ގައުމަކުންވެސް ނުއުފެއްދޭނެ" މިނިސްޓަރ ޝައީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުސަޅު

  ޒެންޒިބާރުގަވެސް.

 2. ނަޖްވާ

  އެއީ ކޮންކަހަލަ ހަމެއްގެ ވާހަކަ އެ ދައްކަނީ؟ ފުއްޕާހަންތަ؟

  • ހުސޭނުބޭ

   ސިންޓެސް ކަޅުހަން.

 3. ޒާ

  ސައީދޯ އެއީ ހުދުހަންތޯ ނޫނީ ކަޅުހަންތޯ؟