އދ. މާމިގިލީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަރައްގީ ކުރަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ފެށުމަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މާމިގިލީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ.

އެ ވަޒީފާތަކަށް ކުރިމަތިލުމުގައި އިސްކަން ދޭނީ ފާއިތުވި ފަސްއަހަރު ތެރޭގައި އެއްވެސް ކުށެއް ކޮށްފައި ނުވާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެމްޕީއެލް އިން އިއުލާނުކޮށްފައި ވަނީ، އެތަނަށް ބޭނުންވާ އެސިސްޓެންޓް މެނޭޖަރަކާއި، ހަ އެސިސްޓެންޓް އޮފިސަރުންނާއި، ފޯކްލިފްޓާއި ކެރޭން އޮޕަރޭޓަރުންގެ މަގާމަށް ދެ މީހުން އަދި ވިންޗްމަން އަކާއި ހަ ސެކިއުރިޓީ ގާޑުންނާއި އަދި ހަ ލޭބަރުން ހޯދުމަށެވެ.

އެމްޕީއެލް އިން މައުލޫމާތުދޭ ގޮތުގައި، މާމިގިލީ އިންޓަނޭޝަނަލް ބަނދަރުގެ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ.