ހޮންޑާގެ އޮތޮރިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން، ގއ، ވިލިގިނލީގައި އެ ކުންފުނީގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

އެ އައުޓްލެޓް ހުޅުވާދެއްވީ ޝީޝާގެ ފައުންޑާ މެމްބަރ އަދި ޗެއަރމަން އަހުމަދު ހަސަން މަނިކުއެވެ. އެ ހަފްލާގައި ވާހަކަދައްކަވަމުން ޗެއަރމަން އަހުމަދު ހަސަން މަނިކު ވިދާޅުވީ، މާލެ އާއި އެއްގޮތަށް އެއް އަގެއްގައި ޝީޝާގެ ޚިދުމަތް ދޭނެ އައުޓުލެޓެއް ވިލިނގިލީގައި ހުޅުވިގެން ދިއުމުން އެކަމާއި އުފާވާ ކަމަށެވެ.

ޗެއާމަން ހަސަން މަނިކް ވަނީ މީގެ ކުރިން މި ހިދުމަތް މިއަތޮޅަށް ހާއްސަކޮށް ނެތް ކަން ފާހަގަކޮށްފައެވެ.

ޝީޝާގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ވިލިނގިލީގައި
ޝީޝާގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ވިލިނގިލީގައި

"މި އުފާވެރި ހަވީރުގައި އަޅުގަޑު ތިޔަ ބޭފުޅުންނަށް ހިތާމަވެރި ޚަބަރަކާއި އުފާވެރި ޚަބަރެއް ހިއްސާ ކުރަން ބޭނުން . އާދެ. ހިތާމަވެރި ޚަބަރަކީ ޝީޝާގެ ޚިދުމަތް މިހާދުވަސް ވީއިރުވެސް މިއަތޮޅުން ޚާއްސަކޮށް ވިލިނގިލިން ލިބެން ނެތްކަން . އުފާވެރި ޚަބަރަކީ މާލެ އާއި އެއްގޮތަށް އެއްއަގެއްގައި ޝީޝާގެ ޚިދުމަތް ދޭނެ އައުޓުލެޓެއް ވިލިނގިލީ މިއަދު ހުޅުވުން" ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވިއެވެ.

ޝީޝާގެ އޮޕަރޭޝަން މެނޭޖަރ ފާތުމަތު ޖުމަން ވިދާޅުވީ، އެ ކުންފުނީގެ ބޭނުމަކީ މާލެއެކޭ އެއްގޮތަށް އެއް ފެންވަރެއްގައި ކައިރިން މި ޚިދުމަތް މިއަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.

ވިލިނގިލީގައި ހުޅުވި ޝީޝާގެ ފިހާރަ
ވިލިނގިލީގައި ހުޅުވި ޝީޝާގެ ފިހާރަ

ޝީޝާއަކީ "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ރާއްޖޭގެ ކުންފުންޏެވެ. އެ ކުންފުނިން ވިލިގިނލީގައި އައުޓްލެޓެއް ހުޅުވިއިރު، އެ ހަފްލާގައި އެރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ.

އެ ހަފްލާގެ ތެރެއިން ބައިރޯހާ ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު، ހަފްލާގައި ބައިވެރިވި ކުޑަކުދިންނަށް ހަދިޔާވެސް ވަނީ ބަހާފައެވެ.

ވިލިގިއްޔަކީވެސް ސައިކަލަށް ވަރަށް ލޯބިކުރާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެހެންކަމުން އެރަށުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމަކީ ފަސޭހައިން އެރަށުގެ ރައްޔިތުންނަށް އެންމެ ފަހުގެ ސައިކަލުތައް ލިބޭނެ މަގަކަށް ވެގެންދާނެއެވެ.

ޝީޝާގެ މި ފިހާރައިންވެސް ހޮންޑާއިން ނެރެމުންދާ އެންމެ ފަހުގެ ސައިކަލުތައް ވިއްކަމުން ދާނެއެވެ. އަދި މީގެ އިތުރުން، ސައިކަލުތަކުގެ ސްޕެއަރ ޕާޓްސްވެސް ވިއްކަމުން ދާނެއެވެ.

ޝީޝާގެ މުވައްޒަފަކު ވިލިނގިލީ ކުދިންތަކަކާއިއެކު
ޝީޝާގެ މުވައްޒަފަކު ވިލިނގިލީ ކުދިންތަކަކާއިއެކު

މާލޭގެ އިތުރުން ހުޅުމާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން، ލ ގަމުގައިވެސް ޝީޝާގެ އައުޓްލެޓެއް ހިންގަމުން ދެއެވެ. މި ހުރިހާ އައުޓްލެޓަކުންވެސް، ހޮންޑާ ބްރޭންޑްގެ ފަހުގެ ސައިކަލުތައް ލިބެން ހުންނާނެއެވެ.

ޝީޝާ އިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ، ގދ. ތިނަދޫ އައުޓްލެޓް ހުޅުވުމަށެވެ.

އަދި ޝީޝާގެ ހުރިހާ އައުޓްލެޓަކުން އިންސްޓޯލްމެންޓަށް ސައިކަލު ނެގުމުގެ ފުރުސަތުވެސް ލިބިގެންދާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ މެދުވެރިކޮށްވެސް ސައިކަލު ނެގޭނެއެވެ.