އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓްގައި ބަޔާންކޮށްފައި އޮތްނަމަވެސް އެއަދަދަކީ ސައްހަ އަދަދެއް ނޫން ކަމަށް ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ހާއްސަ ރިޕޯޓެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައި ޓީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓްގައި ސީޕްލޭން ކުއްޔަށް ދީގެން އެމްއޭސީއެލް އަށް އަހަރަކު 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައި ވީނަމަވެސް އެއީ ސައްހަ އަދަދެއް ނޫން ކަމަށާއި އެއީ ޓީއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި 8 ގުނަ އިތުރު އަދަދެއް ކަމަށެވެ.

"އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރައްވާފައިވާ ލަފާކުރުންތަކަކީ ނުވަތަ އެސަމްޕްޝަންސްތަކަކީ އަސްލުކަންތައް ހިނގާނެ ގޮތެއް ނޫނެވެ." ޓީއެމްއޭއިން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވެއެވެ.

ޓީއެމްއޭއިން ބުނެފައިވަނީ އާސީޕްލޭން ޓާމިނަލް ރާއްޖޭގައި ސީޕްލޭން އޮޕެރޭޓް ކުރާ ހުރިހާ ފަރާތްތަކުންވެސް ބޭނުން ކުރާ ކަމަށާއި އެކުންފުނިން އެދިފައިވަނީ މިޙާރުވެސް 80 ރިސޯޓަށް ހިދުމަތް ދެމުންދާ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުން ބޭނުންވާ ޖާގަ ލިބިދިނުމަށް އެކަނި ކަމަށެވެ.

ޓީއެމްއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓީއެމްއޭއިން ރިސޯޓުތަކަށް ދެމުން އަންނަ ހިދުމަތާއެއްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. މީޑިއާގައި ދައުރުވަމުން އަންނަ އެކުންފުނީގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ ޗަމްޕާ ހުސެއިން އަފީފަކީ ޓީއެމްއޭގެ ހިއްސާދާރެއް ނޫން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.