ރާއްޖެ އާއި ޕިލިޕީންސާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއާއި ފިލިޕީންސްގެ ސިވިލް އެއޮރޮނޮޓިކްސް ބޯޑާއި އެކު ބޭއްވުނު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ޕިލިޕީންސްގެ ވެރިރަށް މެނީލާގައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވި ގޮތުގައި ފިލިޕީންސުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ޕިލިޕީންސްގެ ރައްޔަތުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދާކަން ފާހަގަކޮށް، ދެ ޤައުމު ދެމެދު ސީދާ ދަތުރުތައް ފެށިއްޖެ ނަމަ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ވިޔަފާރީގެ ގުޅުން ބަދަހިވެގެން ދާނެ ކަމަށް މަޝްވަރާތަކުގައި ދެ ޤައުމުންވެސް ފާހަގަކުރެއްވިއެވެ.

ވޭތުވެ ދިޔަ އަހަރު 10،000 ވުރު ގިނަ ފިލިޕީންސްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މި މަޝްވަރާތަކުގައި ވައިގެ ދަތުރުފަތުރާބެހޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލެވުނު ކަމަށާއި އަދި ދެ ޤައުމު ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެއަރލައިންތަކަށް ފުރުސަތު ހުޅުވާލާ، އެގްރީޑް މިނިޓްސް އެއްގައި ދެ ޤައުމުން ސޮއިކުރި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވީ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އިބްރާހިމް ފައިޒަލް އެވެ. މީގެ އިތުރުން ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލާއި އެ އޮތޯރިޓީގެ ޑިރެކްޓަރ އެއަރ ޓްރާންސްޕޯޓް ޢަބްދުﷲ ރަޝީދާއި، ސީނިއަރ ލީގަލް އޮފިސަރ އަޙްމަދު މުޝްހިދު ރަޝީދު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕިލިޕީންސްގެ ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވީ ޑިޕާރޓްމަންޓް އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ސެކެޓްރީ މރ. ލިއޯ އެމް. ހެރޭރާ ލިމް އެވެ. އަދި ސިވިލް އެއޮރޮނިޓީކްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރ މރ. ކަމޭލޯ އާސިލާ އިތުރުން އެ ޤައުމުގެ ޑިޕާރޓްމަންޓް އޮފް ޓޫރިޒަމާއި ޑިޕާރޓްމަންޓް އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒާއި، އެ ޤައުމުގެ އެއަރލައިންތަކުގެ މަންދޫބުންވެސް މަޝްވަރާތަކުގައި ބައިވެރިވަޑައިގަތެވެ.

މިވަގުތު ރާއްޖެއާއި ބޭރުގެ 46 ޤައުމަކާއި އެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ޤާއިމުކުރެވިފައިވެއެވެ. އަދި ދުނިޔޭގެ 36 މަންޒިލަކުން 31 އެއަރލައިން ރާއްޖެއަށް އޮޕަރޭޓްކުރަމުން ގެންދެއެވެ.