ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ގެ ކޮންރެޑް މޯލްޑިވްސް ރަނގަލި ރިސޯޓުގައި ހަދަން ފަށައިފިއެވެ.

އެ ރިސޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މުރަކަ" ނަމުގައި ތަރައްގީކުރާ ކަނޑު އަޑީގެ އެ ގެއަކީ 15 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ގެއެއް ކަމަށެވެ. ރަނގަލީގެ ފަޅުތެރޭގައި ހަދާ އެ ގޭގެ މަސައްކަތް ނިންމުމަށްފަހު މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓުން ހާމަކުރެއެވެ.

ދެ ބުރިއަށް ހަދާ އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑު އަޑީގައި ހުންނަ ސުއިޓްގައެވެ. އެ ސުއިޓްގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އާއި ފާޚާނާއެއް ހުންނާނެއެވެ. އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގައެވެ.

ކަނޑު އަޑީގައި ހަދާ ގޭގެ ކުރެހުމެއް

އަދި އެގޭގެ މަތީ ބައިގައި ހިމެނެނީ ޓްވިން ސައިޒް ބެޑް ރޫމަކާއި، ފާހާނާ އަކާއި، ޕައުޑާ ރޫމަކާއި، ޖިމަކާއި، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި، ލިވިން ރޫމަކާއި، ބަދިގެ އަކާއި، ބާ އެއްގެ އިތުރުން ޑައިނިންއެކެވެ.

އަދި އެ ވިލާގެ އަނެއް ފަރާތުގައި އަރާމުކޮށްލަން ތިބެވޭނެ ޑެކެއްގެ އިތުރުން އިންފިނިޓީ ސުވިމިން ޕޫލެއް ވެސް ހަދަން ނިންމާފައިވެއެވެ. "މުރަކަ" ރެސިޑެންސްގައި ނުވަ މީހުންނަށް ތިބެވޭނެއެވެ.

ކަނޑު އަޑީގައި ހަދާ ގޭގެ ކުރެހުމެއް

ކޮންރެޑް މޯލްޑިވްސް ރަނގަލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސްޓެފާނޯ ރުޒާ ވިދާޅުވީ ކަނޑު އަޑީގެ މި ގެއަކީ މުސްތަގުބަލުގައި އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށާއި މިކަން ފަތުރުވެރިންނާ ހަމައަށް ގެނެސްދިނުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި ތިބި ކަމަށެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އެ ރަށުގެ ވެރިފަރާތް ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަދި މި މަސައްކަތުގެ ލީޑިން އާކިޓެކްޓް އަހުމަދު ސަލީމާއި ނިއުޒިލޭންޑްގެ އެމް ޖޭ މާފީ ލިމިޓެޑްގެ ލީޑިން އިންޖިނިއަރު މައިކް މާފީއެވެ.

ކަނޑު އަޑީގައި ހަދާ ގޭގެ ކުރެހުމެއް

"މިއީ ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ގޮތުން އަހަރުމެން ފެށި ޕްރޮޖެކްޓެއް. ކަނޑު އަޑީގައި ހަދާ މި ގެއިން ފަތުރުވެރިންނަށް ތަފާތު ގޮތަކަށް ރާއްޖެ އެކްސްޕްލޯ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ. "މުރަކަ" ޕްރޮޖެކްޓަކީ ކަނޑު އަޑީގައި އަހަރުމެން ކުރިއަށްގެންދާ ދެވަނަ ޕްރޮޖެކްޓް" އަހުމަދު ސަލީމު ވިދާޅުވިއެވެ.

ކޮންރެޑުން މީގެކުރިން ވަނީ "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. :

    އަހަރެމެންނަކަށް ތިގޭގައި ނިދާކަށް ލާހިކެއްނޫން

  2. ތޯތާ

    ކީއްކުރާނީ ލާރި ނެތީމަ ހަމަ ލޮލަކަށް ނުފެން ނާނެ ވިއްޔަ
    ދެން ޓީވީން ހަބަރުގައި ދައްކާލައި ދީފިއްޔާ ވަރައް ރަގަޅު

  3. ނުރަބޯ

    އެއްގަމުގައި ނުތިބެވިގެން ކަނޑަށް ވެސް ފައިބަނީދޯ.......!!!!?

    • ހުސޭނުބޭ

      އާނ! ދެން ކަނޑުގައި އޮތް އެތި އަރާނީ އެއްގަމަށް.

  4. ހުއް..

    ދެން ބިމު އަޑީގައިވެސް ގެ އަޅަން ފައްޓާ އަވަހަށް