ކުންފުންޏަށް ގެއްލުން ވިޔަސް އެސްޓީއޯ އިން ތަކެތި ވިއްކާނީ އަގުހެޔޮކޮށް ކަމަށާއި، އެސްޓީއޯގެ މަގްސަދަކީ އާންމުންނާއި ހަމަޔަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުންކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެނެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ބައެއް ތަކެތި ދަތި ދުވަސް ވަރުގައި ވައިގެ މަގުން އެތަކެތި އެތެރެ ކުރުމުން ގެއްލުން ވާކަމަށާއި، އެހެން ނަމަވެސް ތަކެތި އަގު މައްޗަށް ދިއުން ނުވަތަ އެތަކެތި ނުލިބުމުން ރައްކާތެރިވުމަށްޓަކައި ގެއްލުން ވިޔަސް އެގޮތުގެ މަތިން ކަންކަން ކުރާނެ ކަމަށެވެ.

އަމްރުގެ ވާހަކައިގައި ފާހަގަކުރެއްވީ ދާދި ފަހުން މައިގަނޑު ގޮތެއްގައި ރާއްޖެއަށް ފިޔާ އެތެރެކުރަމުން އަންނަ ގައުމު އަވައްޓެރި އިންޑިއާ އަށް ވިއްސާރަކޮށް އެގައުމުން ފިޔައި އިމްޕޯޓު ކުރުމަށް ދަތިވެގެން ދިޔަ ދުވަސްވަރަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުންނެވެ. އަމްރު ވިދާޅުވީ އެދުވަސްވަރު ބާޒާރުގައި ފިޔާގެ އަގު އުފުލިގެން ނުދިނުމަށްޓަކައި ވައިގެ މަގުން ފިޔާ އެތެރެ ކުރަން ޖެހުނު ކަމަށާއި، އެހެން ނަމަވެސް އެކަމުން ވާނެ ގެއްލުމަކަށް ވިސްނާފައި ނުވާނޭ ކަމަށެވެ. އަދި އެސްޓީއޯ އެފަދަ ހާލަތްތަކުގައި ތަކެތީގެ އަގު އުފުލިގެން ނުގޮސް އެއްވަރެއްގައި ބެހެއްޓުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަމްރު ވަނީ ދެއްވާފައެވެ.

"ފުރަތަމަ އަޅުގަނޑުމެންނަށް ފިޔާ އެތެރެކުރަން ޖެހުނީ ވައިގެ މަގުން. ވަރަށް ބޮޑު ގެއްލުމެއްވެސް އޭގެ ހަމަ ވެގެންދިޔަ. އެހެން ނަމަވެސް އެސްޓީއޯގެ މަގްސަދަކީ އާންމުންނާއި ހަމަޔަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުން" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް އެސްޓީއޯ އިން ފިޔައި އަލުވި ބިސް އިމްޕޯޓް ކޮށް އެއްވަރެއްގައި އަގު ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރު ހަމަ ދާއިމީ ކޮށް ފިޔާ ގެނައުމަށް ނިންމާފައިވާކަމަށާއި، ސަބަބަކަށް ވަނީ ކަންކަމާއި ގުޅިގެން ކުއްލިއަކަށް ފިޔާގެ އަގު އަރައިގެން ދިޔަ ކަމުގައިވީނަމަވެސް އެތަކެތި އެސްޓީއޯ އަށްވެސް ފޯރުކޮށް ދިނުމަށް ދުވަސް ނެގުން ކަން އަމްރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި ދަރިއެއް

    ގެއްލުން ވާކަށް ނުޖެހޭ، ޤާބިލް ކަމާއި ވަފާތެރިކަމާއި އެކު ހިންގާނަމަ،