ރަސްރަނި ބަގީޗާގައި ހަދާ ވިންޓާ ޕާކް އަންނަ ފިތުރު އީދު ދުވަހު ހުޅުވޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، އެތަން ބަލަހައްޓާ އަދި އެތަނުގައި ކެފޭ ހިންގުމަށް ހައުސިންގ މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ރަސްރަނި ބަގީޗާގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާކު އަދި ކެފޭ އޭރިއާ އޮޕަރޭޓްކޮށް، ހިންގާ، ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ 11:30 އަށް ހައުސިންގ މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެޕްރީލު 29 ވަނަ ދުވަހުގެ 11:30 އަށް އެ މިނިސްޓްރީއަށް އަގު ހުށަހެޅުމަށެވެ.

ހައުސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވިގޮތުގައި، އެ ޕާކު ހުޅުވޭނީ އެތަނުގައި ހަދާ ކެފޭއާ ވެސް އެކުގައެވެ.