މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕްރޭޝަން (އެމްއެފްއެމްސީ) އިން އުފެއްދުންތެރި އަދި އިޖާދީ ވިޔަފާރިތަކަށް އެހީވުމަށް 20 މިލިއަން ރުފިޔާގެ ފަންޑެއް ހުޅުވާލާއިފިއެވެ.

އެމްއެފްއެމްސީ އަކީ އީގާދީ އަދިި އުފެއްދުންތެރި މަސައްކަތްކުރާ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓް ކުރާ ކުންފުންޏެކެވެ.

މި ކުންފުނިން އިންވެސްޓް ކުރާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ، ޓޫރިޒަމްގެ ސިނާއަތަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ ހިދުމަތްތަކާއި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ޔަގީންކަން ފޯރުކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން، އާޓް އާއި ސަގާފަތާއި ޓެކްނޮލޮޖީ މެދުވެރިކޮށް ކުރާ މާލީ މުއާމަލާތްތައް ހަރުދަނާ ކުރުމުގެ ދާއިރާވެސް ހިމެނެއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވިި ރަސްމިއްޔާތުގައި އެމްއެފްއެމްސީ އިން ވަނީ ޚާއްސަ ފައިނޭޝަލް ޕްރޮޑަކްޓް ތައާރަފުކޮށްްފައެވެ. އަދި މި ޕްރޮޑަކްޓް ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަ ފައްޔާޒު ވިދާޅުވީ މި ފަންޑުން އެހީ ވާނީ ޓެކްނޮލޮޖީގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.

މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ނަމުގައި ބޭންކް އެއް ގާއިމްކޮށްފައެވެ. މި ބޭންކުން ވަނީ ފުރަތަމަ އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.