ރާއްޖޭގައި ޑައިވިން ވިޔަފާރީ ކުރާ ބޭރު މީހުންނަށް އެ ވިޔަފާރި ކުރެވޭނީ ދިވެހިންގެ ހިއްސާ އޮވެގެން ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއިލް ވިދާޅުވީ އެފްޑީއައިގެ އާ އުސޫލުގެ ދަށުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުގައި ބޭރު މީހުންނަށް އިންވެސްޓް ކުރެވޭ ގޮތް ހަނިކޮށް، ބައެއް ވިޔަފާރި ކުރެވޭ އުސޫލު ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުން، މީގެ ކުރިން 100 ޕަސެންޓް ބިދޭސީން ހިމެނޭ ގޮތަށް ޑައިވް ވިޔަފާރި ކުރާގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު އެ ވިޔަފާރި ފަށާނަމަ ދިވެއްސެއްގެ އަތުގައި 20 އިންސައްތަ ހިއްސާ އޮންނަން ލާޒިމް ކަމަށެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

"މިހާރު ޑައިވް ވިޔަފާރީގައި 20 ޕަސެންޓް ދިވެއްސެއް ހުރެގެން ކުރެވޭނީ. މިއީ މެޗުއާޑް އިންޑަސްޓްރީއެއް. ނަމަވެސް މި އިންވެސްޓްމަންޓް ތަކުގައި ބިދޭސީން ހިމަނަން ޖެހެނީ މި އިންވެސްޓްމަންޓްތަކާއެކު އެބަ އާދޭ ބޭރުގެ ޑައިވް ކްލަބްތައް" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ޑައިވިންގ ވިޔަފާރިތަކުން ބޭރު މީހުންނަށް ބޮޑު ފައިދާއެއް ލިބިގެން ދެއެވެ.

އަލަށް އެކުލަވާލި ފޮރިން އިންވެސްޓުމަންޓް ސިޔާސަތުތަކުގެ ދަށުން ޖުމްލަ 92 ވިޔަފާރިއަކަށް އިންވެސްޓުކުރެވޭއެވެ. އަދި އިންވެސްޓް ކުރުން މަނާ 29 ވިޔަފާރިއެއް ހިމެނޭއިރު، އޮޓޯމެޓިކް ރޫޓުން ހުއްދަ ދޭ 37 ވިޔަފާރިއެއް ކަނޑައަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަކް

    ކުރީގަ ކުރެވެއޭ ދިވެއްސަކު ނެތަސް.. ސުރުހީ ތިޔަ އިތީ ނިކަން ފިތުނަވެރިގޮތަކަށް ލިޔެލާފަ އޭސް ޔޫޝުއަލް ދެއްތޯ؟؟ ހިތްވަރެއް ހުރިޔާ މި ކޮމެންޓު ޖަހާލަބަލަ

    3
    2