ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ވިިލިމާލެ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދާއި ވާރު ހިނގުން ސަރަހައްދުގައި ސައިހޮޓަލާއި ރެސްޓޯރެންޓް، ކެންޓީނުގެ އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމަށް ހުއްދައަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

އެ އިއުލާންގައިވާ ގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫޏުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ހުއްދަ އަށް އެދި ހުށަހެޅޭނެއެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތު ބިޒްބަސް ޕޯޓަލް www.beta-business.egov.mv މެދުވެރިކޮށް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ.

އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރާ ތަންތަނުގެ ތެރެއިން 24 ގަޑިއިރު ވިޔަފާރި ކުރާ ފަރާތްތަކަށް ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާންގައި ވަނީ ބުނެފައެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ނަމާދު ވަގުތަށް ބަންދުކުރުމަށާއި އެހެން ވަގުތުތަކުގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭ ގޮތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާލެ އާއި ހުޅުމާލެ އާއި އައްޑޫ އާއި ފުވައްމުލަކުގައި ވަނީ 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ތަންތަން ކަނޑައަޅައިފައެވެ.