1992 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި މަނަދޫ އާރޓް ފިހާރަ އަކީ، ނ. އަތޮޅުގެ ވިޔަފާރީގެ މައި ދޮރާއްޓެވެ.

"އާރތް ވަހީދު" އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މުޅި އަތޮޅުގަވެސް ނެތެވެ. އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނަކުން ފެށިގެން، ހާރޑްވެއަރ، އަދި ހިފާގެންގުޅޭ ހުރިހާ ސާމާނެއް ލިބޭ ފިހާރައަކަށް "އާރތް" ވެގެން ގޮސްފައިވަނީ، ވަޙީދުގެ ދުރު ވިސްނުމާއި، ކެރުންތެރިކަމާއިއެކު ކަން ޔަޤީނެވެ.

"މިއީ ވަރަށް އާދައިގެ ގޮތަކަށް ފެށުނު ވިޔަފާރިއެއް. 1992 ވަނަ އަހަރު އެއީ. މިހާރުވެސް އެ ފިހާރަ އެބަހުރި. އޭރު ދުވާލަކަށް ލިބެނީވެސް 800 އެއް ހާ ރުފިޔާ. އޭރުވެސް އަޅުގަނޑުމެން ގެންގުޅުނީ ކާބޯތަކެތި. ދެން ބޭބެގެ (އާރތް ވަޙީދު) ގެ ވިސްނުން އޭރުވެސް ގެންގުޅުނު ވިޔަފާރި ފުޅާކުރަން. 2008 ވަނަ އަހަރު އިތުރު އިމާރާތެއް އެޅީ. އެންމެ ފުރަތަމަ ބޭނުން ކުރި އިމާރާތް ކައިރީގައި އެހެން އިމާރާތެއް އެޅީ. ދެން ހާރޑްވެއާރ އާއި އެހެން އެއްޗެހި ވަކިކޮށްލީ. ކުރީގެ އިމާރާތުގައި މިހާރު ހުންނާނީ ހާރޑްވެއަރ. އަލުން ހެދި އިމާރާތުގައި ހުންނާނީ ކާބޯތަކެއްޗާއި އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި." "ވަގުތު" އާއި މަޢުލޫމާތު ޙިއްސާކުރައްވަމުން، އާރތް ފިހާރައިގެ ހެޑް އޮފް ސޭލްސް، މުޙައްމަދު އިވާދު ވިދާޅުވިއެވެ.

ވިޔަފާރި ފުޅާވަމުން އައިސް، 2012 ވަނަ އަހަރު އަނެއްކާވެސް، އާރތްގެ އެހެން ފިހާރައެއް، "އާރތް ކިއޯސްކް" ގެ ނަމުގައި ހުޅުވިއެވެ. އޭރު މުޅި އާރތަށް ބަލާއިރު، ހުރީ 3 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިހާރު ޖުމްލަ 8 މިލިއަން ރުފިޔާގެ މުދާ އެބަހުއްޓެވެ.

އާރތް ކިއޯސްކް--

"އާރތް ކިއޯސްކް އަކީ ދެ ބުރި އިމާރާތެއް. އެ ފިހާރައިގައިވެސް އާއްމުކޮށް ހުންނާނީ ޑެއިލީ ނީޑްސް. އޭގެ އިތުރުން، ޗައިނާ އިން ގެންނަ ކުޅޭ އެއްޗހި ހުންނާނެ. އިންޑޮނޭޝިއާއިން ގެންނަ ފައިވާން ހުންނާނެ. އަދި ދުބާއީން ގެންނަ ބަދިގޭ ސާމާނު ހުންނާނެ. ފަރުނީޗަރުވެސް އަޅުގަނޑުމެން އަތުގަ ހުންނާނެ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން، އަތޮޅުގެ ރަށްރަށުން އަންނަ ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރި ކުރާނެ މި ފިހާރަތަކުން. ހުކުރު ފިޔަވާ ކޮންމެ ދުވަހަކުވެސް ފެރީގަ ގިނަ އަދަދެއްގެ މީހުން މި ރަށަށް އަންނާނެ. ދެން އެމީހުންނަށް ހާއްޞަކޮށްގެން، ރަނގަޅު އަގުތަކެއްވެސް ހަދާފަ ހުންނާނީ. ހޯލްސޭލް ރޭޓުގައި ތަކެތި ދޫކުރަން ވަރަށް ގިނަ ފަރާތްތަކަށް." އިވާދު ވިދާޅުވިއެވެ.

"އާރތް ފިއުލް" އަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ޚިދުމަތް ހޯދަމުން އަންނަ، މަޝްހޫރު ޝެޑެކެވެ. 2011 ވަނަ އަހަރުން ފެށިގެން، ބައުޒަރެއް ބޭނުން ކޮށްގެން، ޕެޓްރޯލާއި، ޑީސަލް ދިޔައީ ވިއްކަމުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ހުޅިވިގެން މިދިޔަ، އައު ޝެޑާއި އެކު، އެ ޚިދުމަތަށްވެސް މި ވަނީ ބޮޑު ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

"ދުވާލެއްގެ މައްޗަށް 2000 ލީޓަރ މިހާރު ވިކޭނެ. މީގެ ކުރިން މަހެއްގެ މައްޗަށް ބަލާއިރު އެހާވަރު ވިކޭނީ. ސައިކަލް ތަކަށްވެސް ފަސޭހަ ކަމާއި އެކު މިހާރު ތެޔޮ އަޅާލެވޭނެ. 64000 ލީޑަރުގެ ތެޔޮ މިހާރު ރައްކާކުރެވޭނެ. އެއީ 32000 ލީޓަރުގެ ޕެޓްރޯލް. 32000 ލީޑަރުގެ ޑީސަލް. އާއްމުކޮށް، ކަންނެލި ދޯނިތަކާއި، ލޯންޗްތަކަށްވެސް ތެޔޮ އަޅާނީ މިރަށުން. އެއީ ފަޅުވެސް ބޮޑުވެފަ، އޭގެ ސަބަބުން ފަސޭހަވެގެންދާތީ ކަމަށް ޤަބޫލުކުރެވެނީ." އިވާދު ވިދާޅުވިއެވެ.

އާރތް ފިއުލްގެ ތެޔޮ ބައުޒަރެއް --

އަދިވެސް "އާރތް" ގެ ވިޔާފަރި އޮތީ ކުރިއަށެވެ. މި އަހަރުގެ ތެރޭގައި އިތުރު ފިހާރައެއް އަނެއްކާވެސް ހުޅުވެނީއެވެ.

"ކުލައަށް ޚާއްޞަކޮށްގެން ފިހާރައެއް ހުޅުވަން މިހާރު މަސައްކަތް މި ކުރަނީ. މިހާރުވެސް ކުލަ ހުންނާނެ ލިބެން. ނަމަވެސް ވަކިން ޚާއްސަކޮށް އެކަމަށް ފިހާރައެއް ހުޅުވަން މިހާރު މި ތައްޔާރު ވަނީ. މާޒިޔާ މީހުން މި ބޭނުންކުރާ މޮޅު ކުލަ މިރަށުން އޭރުން އުފެއްދޭނެ. މީގެ އިތުރުން، ޓައިލްސް އައި ފާހާނާ އެކްސެސަރީސް ވެސް ލިބޭ ގޮތަށް އެތަން ހުޅުވިގެން ދާނީ." އިވާދު ވިދާޅުވިއެވެ.

މަނަދޫ "އާރތް" ގެ މުސްތަޤުބަލް ވަރަށް އުޖާލާކޮށް ފެންނަ އިރު، ވަގުތު އިން އެދެނީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީއާއި ކުރިއެރުން ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޝީދު

    އަހަންނަކީ ނޫނު އަތޮޅު މީހެއް، މަނަދޫ އަށް ދާ ކޮންމެ ފަހަރަކުހެން މި ފިހާރަތަކަށް ވަދެވޭ، އަސްލުވެސް އަގުހެޔޮ ފިހާރައެއް، ފިހާރަ މުވައްޒަފުންވެސް ރަނގަޅު.

    9
    2
  2. ޒުލް

    ވަހީދަކީ މަނަދޫއަށް ނަމޫނާ ދަރިއެއް. މިހާރު މަނަދޫ ފެންނަނީ ވަރަށް ވާދަވެރި ވިޔަަފާރީގެ މައި ރަށެއްގެ ގޮތުަގައި.

    7
    4
  3. Anonymous

    އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަން އެނގިގެންދާ ރީތި މިޘާލެއް.
    ވަޙީދުގެ ވިޔަފާރީގައި މުވައްޒަފުން ނަކީ ޢާއިލާގެ މެންބަރުން.
    ވަޙީދަށް ކުރިއެރުމާއި ކާމިޔާބު

    5
    1