ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅައި ބަލާއިރު 14.3 އިންސައްތަ އިތުރު ވެފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓްއަރިޒަމް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނައަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޖުމްލަ 177140 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ވައިގެމަގުން ޒިޔާރަތްކުރި 103347 ފަތުރުވެރިންނާއި، ކަނޑުމަގުން ޒިޔާރަތްކުރި 3793 ފަތުރުވެރިންނެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީމަހު ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ ޢަދަދަކީ 154969 ފަތުރުވެރިންނެވެ. އެއީ ވައިގެ މަގުން ރާއްޖެއަށް ޒިޔާރަތްކުރި 151552 ފަތުރުވެރިންނާއި ކަނޑުމަގުން ޒިޔާރަތްކުރި 3.417 ފަތުރުވެރިންނެވެ.

2020 ވަނައަހަރު ޖެނުއަރީމަހު ވައިގެމަގުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ %54.6 ހިއްސާއާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީމަހު މިސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 94725 އަށް އަރާފައިވާއިރު، މިއީ 2019 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 13.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 35.6 އިންސައްތައިގެ ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. 2020 ވަނައަހަރުގެ ޖެނުއަރީމަހު މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 61688 އަށް އަރާފައިވެއެވެ. މިއީ 2019 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 11.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން 2020 ވަނައަހަރުގެ ޖެނުއަރީމަހު އެމެރިކާ ސަރަހައްދުން 4.7 އިންސައްތައިގެ ހިއްސާއަކާއި އެކު ޖުމްލަ 8078 ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން 4.2 އިންސައްތަ ހިއްސާއާއިއެކު ޖުމްލަ 7297 ފަތުރުވެރިންނާއި އެފްރިކާ ސަރަހައްދުން 0.5 އިންސައްތަ ހިއްސާއާއިއެކު ޖުމްލަ 1536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ޖަނަވަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާރކެޓްތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 މާރކެޓަކީ، ޗައިނާ (%18.3) އިޓަލީވިލާތް (%12)، އިންޑިއާ (%8)، ރަޝިޔާ (%7.2) އަދި އިނގިރޭސިވިލާތް (%6.2) އެވެ.

މީގެއިތުރުން މިއަހަރުގެ ޖެނުއަރީމަހު ފާހަގަކޮށްލެވޭ ކުރިއެރުމެއް ސައުދީ އަރަބިއްޔާ މާރކެޓަށާއި ސުވިޒަލޭންޑް މާކެޓަށް އައިސްފައިވެއެވެ. 2020 ވަނައަހަރު ޖެނުއަރީމަހު މިދެ މާރކެޓް ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާރކެޓް ތެރޭގައި ހިމެނިފައެވެ. މިގޮތުން ސައުދީ މާރކެޓު ޖެނުއަރީމަހު 130.9 އިންސައްތައިގެ ކުރިއެރުމަކާއިއެކު ނުވަ ވަނައަށް އަރާފައިވާއިރު ސުވިޒަލޭންޑްވަނީ 2.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައި ދިހަ ވަނައިގައި ހިމެނިފައެވެ.

2020 ވަނައަހަރުގެ ޖެނުއަރީ މަހުގެ ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކުރެވިފައިވާ 51,958 އެނދުގެ ތެރެއިން 50,500 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ބެޑްނައިޓްސްގެ ޢަދަދު ވަނީ 9.9 އިންސައްތަ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖޭގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 1097148 އެވެ. އަދި އެނދު ބޭނުންކޮށްފައިވާ ނިސްބަތް 70.1 އިންސައްތައަށް އަރާފައިވާއިރު ޖެނުއަރީމަހު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.3 ދުވަސް ހޭދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުނީޒާ

    ހަހަހަ.. ފަތުރުވެރީން ވީއިތުރޭ..ކެކެކެ..ޖޯކް އޮފްދަ ސެންޗަރީ..ހިހިކެކެކެ....

  2. ހަސަނާ

    އެކަމު ކޮރޯނާ ވައިރަހާއި ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށްދާނެތީ އޭ ކިޔާ މިނިމަމް ވޭޖް ކަނޑައެޅޭކަށް ނެތް. މުސާރައެއް ބޮޑު ކުރެވޭކަށް ނެތް. ހަމައެކަނި ސިޔާސީ މީހުންގެ މުސާރަ ބޮޑުވަނީ. ރައްޔިތުންނަަށް ހޭއަރާނީ ކޮން އިރަކުންތަ. އެމްޑީޕީ އިބިލީހުގެ ޕާޓީ.

  3. ލާލާ

    އާން އައްނާއްނު 2020 ފާހަގަ ކުރަންޖެހޭވިއްޔަ އެމީހުންގެ ފަހަރަކު ގައުމަކަށް ގޮސް ފޮނިވެފަ ސެލްފީނަގާ ފޮޓޯނަގާއްނު މިއަހަރު. އެގޮތުން ރާއްޖެއަށްވެސް ވަޑައިގަންނަނީ.